ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ހުކުމް އިއްވުން ޖޫން މަހުގެ 30 އަށް އަވަސް ކޮށްފިއެވެ.
އެ މައްސަލާގައި ރައީސް ޔާމީނަށް ހުކުމް އިއްވަން ކުރިން ތާވަލްކޮށްފައި އޮތީ ނޮވެމްބަރު 25 ވަނަ ދުވަހަށެވެ. އެހެންނަމަވެސް ޖޫން މަހުގެ 30 ވަނަ ދުވަހަށް ހުކުމް އިއްވުން އަވަސް ކޮށްފައި ވާކަން އެމަނިކުފާނުގެ ގާނޫނީ ވަކީލު އާދަމް އާސިފް "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އާސިފް ވިދާޅުވީ އެ ދެ މައްސަލައިގައި ވެސް ހުކުމް އިއްވަން ތާވަލްކޮށްފައި ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ހެނދުނާއި މެންދުރަށް ކަމަށެވެ.
އާސިފް ވަނީ އެމްއެންޕީއާރްސީގެ މައްސަލައިގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ކުރިއަށް ނުދާތީ އެކަމާ ފާޑުވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ މައްސަލައިގައި ތާވަލްހަދާ މީޑިއާއަށް ދިން ތާވަލަށް ވުރެ އަވަސްވެފައި ވާތީ އެކަމާވެސް އާސިފް ވަނީ ފާޑުވިދާޅުވެފައެވެ.
މަހުލޫފާއި އެހެން އިތުރު މައްސަލަތައްވެސް ކޯޓުގައި އެބަހުރި ކަމަށާއި އެހެންނަމަވެސް ހަމައެކަނި ރައީސް ޔާމީންގެ މައްސަލައިގައި ތާވަލްހަދާ އަދި ތާވަލް އަވަސްކުރީ ކޮން މަޖުބޫރުކަމެއް އޮވެގެންތޯވެސް އާސިފް ވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް ޔާމީނުގެ 2 މައްސަލަ އަވަސް ކުރީ ކީއްވެތޯ އެހުމުން ކްރިމިނަލް ކޯޓުން ބުނީ ތާވަލު ބަދަލު ކުރީ ކަމަށާއި، އެކަމާ ގުޅޭ ތަފްސީލު ދޭނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ކޯޓަކުން ނުދިނެވެ.
އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.
އެ މައްސަލައިގާ މިދިޔަ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު އުފުލި ދައުވާ ތަކަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު (2014/10) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާ ހަވާލާދީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި އެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ (2014/9) ގެ 510 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.
ފުއްގިރީގެ މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ.
މި މައްސަލާގައި ޖޫން 28، 2020 ގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ، ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ ތިންވަނަ ނަންބަރާއި ހަވާލާދީ އެ ގާނޫނުގެ 53ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިން ކުށުގެ ދައުވާއެވެ.