ކޮންމެ ފަހަރަކުވެސް ހުރިހާ ފޮއްޗެއް އެއްވަރަށް ހުންނާނެ ހެން ކޭކު ފަޅާ، ޕިއްޒާ ކަފާނެ މެޝިނެއް އުފައްދައިގެން ޖަޕާނުގެ ހައި ސްކޫލް ދަރިވަރުންތަކެއް ހާއްސަ އެވޯޑެއް ހާސިލު ކޮށްފިއެވެ.

ވައްކޮށް އޮންނަ އެއްޗެއް ދެ ބަޔަށް ވުރެ ގިނަ ބައި ހިމެނޭހެން އެއް ވަރަށް ފަޅާ ލުމަކީ ނުކުރެވޭނެ ކަމެއް ކަމަށް ގިނަ ބަޔަކަށް އޮންނަނީ ހީވެފައެވެ. އެއްބައި މައި ބޮޑު ނުވެއްޖިއްޔާ ކޮންމެވެސް އެއް ބައެއް ބަރުވުން ފަދަ ކަމެއް އޮންނަނީ ދިމާވެފައެވެ. އެއްވަރަށް ބައި ކުރެވިއްޖެނަމަ، ތާކުން ތާކު ލައްވާ ނުލާ އޮންނަ ބާކީ ފޮތި ނުވަތަ ކުޑަ ފޮއްޗަށް އެންމެން ތިބެން ޖެހެނީ މަށަށް މަށަށް ކިއާ އުސޫލުން ކަޅި އަޅައިގެންނެވެ.

މިކަމަށް ލުއި ފަސޭހަ ހައްލެއް ހޯދާފައި ވަނީ ޖަޕާނުގެ އޮއިޓާ ޕްރީފެކްޗާގެ ކުންޑޮންގް ހައިސްކޫލްގެ ދަރިވަރުންތަކެކެވެ. މި ދަރިވަރުން އުފައްދާފައި ވަނީ، ހާއްސަ އޭންގަލްތަކެއް ހިސާބު ކުރުމަށްފަހު، ކޮންމެ ފޮއްޗެއްވެސް އެއް ވަރަކަށް ބަހާލަދާ، ހައި-ޓެކް ޑިވައިސްއެކެވެ. ބޭނުން އަދަދަކަށް ކޭކު ނުވަތަ ޕިއްޒާ ބައި ކޮށްލެވޭ ޑިވައިސްއެކެވެ.

ޖަޕާނުގެ ދަރިވަރުން އުފެއްދި ކޭކު ކަފާ މެޝިން / ފޮޓޯ: އޮއިޓާ ހަޓުމޭ

ޓީމުގައި ހިމެނުނު ވަޓަރު އޮނޯޑާއަށް މި ހިޔާލު އައީވެސް އައިލާ ތެރޭގައި ކުރެވުނު ތަޖުރިބާއެއްގެ އަލީގައި ކަމަށް މައުލޫމާތު ލިބެއެވެ. ޕާޓީގައި ތިބީ 7 މީހުން ނަމަވެސް، އޭނާގެ މަންމައަށް ކޭކު، އެއް ވަރަށް ފަޅާ ލެވުނީ 8 ފޮތި ހިމެނޭހެންނެވެ. އިތުރުވި ފޮއްޗަށް އޮތް ޑިމާންޑް ބޮޑުވެ، 3 މެންބަރުންގެ މެދުގައި ކޯޅުމަކަށްވެސް ދާން ޖެހުނެވެ.

އާއިލީ ބައްދަލުވުންތަކުގައި ދިމާވާ މިފަދަ މައްސަލަތައް ހައްލު ކުރުމަށް އުފެއްދި "ގެޓް އަލޯންގް ވިތު އެވްރިވަން"ގެ ނަން ދީފައި ވާ މި ޑިވައިސްއަކީ ކޭކާއި ޕިއްޒާގެ އިތުރުން، ވައްކޮށް އޮންނަ ކޮންމެ ކާއެއްޗެއްވެސް، ހުރިހާ ފޮއްޗެއް އެއްވަރަށް ބައިކޮށްދޭ ޑިވައިސްއެކެވެ.

މި ޑިވައިސްގެ އެންމެ ހާއްސަ ކަމަކީ، ކާ އެތީގައި އެއްވެސް ވަރަކަށް މި ޑިވައިސްގެ އެންމެ ތަންކޮޅެއްވެސް ޖެހި ނުލާކަމެވެ. ކަފަންވީ މަގު އަންގައިދެނީ ލޭޒާ އަލީގެ އެހީގައި ކަމުން، ސާފު ތާހިރު ކަމުގެ ގިންތިންވެސް މިޑިވައިސްއަށް ރަންވަނައެއް ހައްގެވެ.

އޮނޯޑާއާއި އޭނާގެ ޓީމުން "ގެޓް އަލޯންގް ވިތު އެވްރިވަން"ގެ ނަމުގައި އުފެއްދި ޑިވައިސްއިން ކަށަވަރު ކުރީ، އޮއިޓާ ގަވަނާޒް އެވޯޑްއެވެ.