ޕާނަކީ އާންމުކޮށް ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ކެއުމެކެވެ. ދުވަހުގެ ކޮންމެ ވަގުތެއްގައި ވެސް ކާލުމަށް ބޭނުން ކުރާ އެއްޗެކެވެ. ބައެއް މީހުންނަށް ޕްލޭންކޮށް ޕާން ކަމުދާ އިރު، ބައެއް މީހުންނަށް ކަމުދަނީ ޓޯސްޓުކޮށްގެންނެވެ. ޕާން ބޭނުންކޮށްގެން ތަފާތު އެކި ކަހަލަ ސޭންޑްވިޗާއި، ސަލެޑްގެ އިތުރުން ޕާން ބޯކިބާ އަޅާއިރު މި އާޓިކަލްގައި ބަލާލަނީ ޕާން ބޭނުންކުރަން އެންމެ ރަނގަޅީ ކޮންގޮތަކަށް ތޯއެވެ.
ހެލްތު ކޯޗު ނިޕާ އަޝާރަމްގެ ނަޒަރުގައި ޕާން ކެއުމަށް އެންމެ ރަނގަޅީ ޓޯސްޓްކޮށްގެންނެވެ. ޕާން ޓޯސްޓުކޮށްގެން ބޭނުންކުރުމުން ލޭގައި ހަކުރު ނުވަތަ ގްލޫކޯޒް ސްޕައިކް 25 ޕަސެންޓަށް ވުރެ ދަށްކޮށްދެއެވެ. ޕާން ޓޯސްޓް ކުރާއިރު އުފެދިގެންދާ ކެމިކަލް ރިއެކްޝަންގެ ސަބަބުން އޭގައި ހިމެނޭ ކާބޯހައިޑްރޭޓްސް މަދުކޮށް، އަދި ފެން ހިފެހެއްޓުން މަދުކޮށް، ހަޖަމުކުރަން ވަރަށް ފަސޭހަވެގެން ދެއެވެ.
ބެލެންސްޑް ބައިޓްގެ ފައުންޑާ ނިއުޓްރިޝަނިސްޓް އަޕެކްޝާ ޗަންޑޫރްކާ ބުނީ، ޑައިޓޭރިއަން ރެކޮމެންޑޭޝަންތަކަށް ބަލާއިރު، ޕްލޭން ނުވަތަ ޓޯސްޓްކޮށް ބޭނުންކުރުމުން ލިބޭ ފައިދާތައް ބިނާވެގެންވަނީ މީހާގެ ސިއްހަތަށް ކަމަށެވެ. ޓޯސްޓް ކޮށްފައިވާ ޕާނުގައި ވެސްގިނަ އަދަދެއްގެ ކެލޮރީ ހުންނަކަން ފާހަގަކޮށް ޗަންޑޫރްކާ ބުނީ ޕާން ޓޯސްޓް ކުރުމުން އޭގެން ލިބޭ ކާބޯހައިޑްރޭޓްސް އަށް އަސަރު ނުކުރާ ކަމަށެވެ.
ޕާން ޓޯސްޓުކުރުމުން ( ހޫނުކުރުމުން) ޕާނުގެ ސްޓާޗްގެ އެތެރެއަށް އަންނަ ބަދަލާއެކު ރޮށީގައި ތެތްކަން ކުޑަވެ، ބައެއް މީހުންނަށް ކާން ފަސޭހަވެގެންދާކަމަށް ޗަންޑޫރްކާވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނީ ޓޯސްޓުކޮށްފައިވާ ޕާނުން ލޭގައި ގްލޫކޯޒްގެ މިންވަރު އާދައިގެ ޕާނާއި އަޅާބަލާއިރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
މީގެ އިތުރުން ޗަންޑޫރްކާ ބުނީ ގްލޫކޯޒް ސްޕައިކްސް މަދުކުރެވޭނެ އަނެއް ގޮތަކީ ޕާން ފްރީޒްކޮށްގެން ކަމަށެވެ. މިގޮތުން ޕާން ފްރިޖަށް ލުމަށްފަހު ޖެހިގެން އަންނަ ދުވަހު ޓޯސްޓް ކުރަން ރަނގަޅު ކަަމަށް އޭނާ ވަނީ ބުނެފައެވެ. މިއީ ލޭގައި ހަކުރު ސްޕައިކް 40 ޕަސެންޓް ދަށްކޮށްދޭ ކަމެއްކަން ޗަންޑޫރްކާ ފާހަގަކޮށްފައި ވެއެވެ.
ރާއްޖޭގައި އާންމުކޮށް ގިނަ ބަޔަކު ޕާން ބޭނުންކުރަނީ ޓޯސްޓުކޮށްގެން ނަމަވެސް މި ގޮތަށް ޕާން ކަމުނުދާ މީހުންވެސް މަދެއް ނޫނެވެ. ސިއްހީ ގޮތުން ބަލާއިރު ޕާން ކެއުމަށް ރަނގަޅީ ޓޯސްޓުކޮށްގެން ކަން ގިނަ ޑައިޓީޝަނުންގެ ވާހަކައިން އެގިގެން ދެއެވެ. އެހެންކަމުން ޓޯސްޓު ޕާން ކާހިތްނުވާ ފަރާތްތަކުންވެސް ސިއްހަތައް އެންމެ ފައިދާ ހުރި ގޮތް އިހްތިޔާރު ކޮށްލަންޖެހެއެވެ. ހަމަ ޔަގީނުންވެސް ޓޯސްޓު ޕާނާ، ބަޓަރާ، ޖޭމް ނުބައެއް ނުވާނެއެވެ.