ނެޓްފްލިކްސް ޑްރާމާ ސީރީޒްތަކުގެ ތެރެއިން މިހާރު އެންމެ މަގުބޫލު ޑްެރާމާގެ މަގާމު އަނެއްކާވެސް ދެކުނު ކޮރެއާގެ ޑްރާމާއެއް ހޯދައިފިއެވެ.

މިފަހަރު ބެލުންތެރިންގެ މެދުގައި މަގުބޫލުވެފައިވާ ޑްރާމާއަކީ މި މަހުގެ 28 ވަނަ ދުވަހު ދައްކަން ފަށާފައިވާ ޑްރާމާ ''އޯލް އޮފް އަސް އާ ޑެޑް''އެވެ.

މި ޑްރާމާއަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު 25 ސަރަހައްދެއްގައި މި ޑްރާމާވަނީ ނެޓްފްލިކްސް ގެ މަގުބޫލު ޑްރާމާ އަދި ފިލްމު ލިސްޓުގެ އެއްވަނަ ހޯދާފައެވެ.

އަދި ދެކުނު ކޮރެއާ ހިމެނޭހެން 25 ގައުމެއްގައި މި ޑްރާމާ ވަނީ ލިސްޓުގެ ދެވަނަ މަގާމު ހޯދާފައެވެ. މީގެ އިތުރުން މި މަހުގެ 13 ވަނަ ދުވަހު ޑްރާމާގެ ޓްރެއިލާ ނެރުމާއެކު ޔޫޓިއުބް މެދުވެރިކޮށް އެއް ހަފްތާގެ ތެރޭގައި 10 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޓްރެއިލާ ބަލާފައެވެ.

މި ޑްރާމާއިން ދައްކުވައިދެނީ ހައި ސުކޫލުގެ ދަރިވަރުން ތަކަކަށް ''ޒޮމްބީ'' ތަކަކާއި ދިމާވެ އެކަމުން ސަލާމަތްވުމަށް އެކުދިން ކުރާ މަސައްކަތާ ދިމާވާ ހާދިސާތަކެވެ. ޑްރާމާގެ ލީޑް ރޯލުން ފެނިގެންދަނީ ޔޫ އިން ސޫއެވެ.

ދާދި ފަހުން ދެކުނު ކޮރެއާގެ ޓީވީ ޝޯ "ސްކުއިޑް ގޭމް" މުޅި އިންޓަނެޓް ފަތަހަ ކޮށްފައިވާއިރު އޭރު ރާއްޖޭގެ އިތުރުން 90 ގައުމެއްގައި އެންމެ ގިނަ ބަޔަކު ނެޓްފްލިކްސުން ބަލަމުންދާ ސީރީޒަކަަށް "ސްކުއިޑް ގޭމް" ވަނީ ވެފައެވެ.