ދުނިޔޭގައި ވަރަށް މަދު ކެންސަރުގެ ބާވަތަކަށް ފަރުވާ ހޯދަމުން ގެންދިޔަ އިރު ދެއްކި ގަދަ ހިތްވަރަށްޓަކައި އާއްމުންގެ ލޯބި ހޯދި އަލީ ސައިފް ލަތީފް މިއަދު މަރުވެއްޖެއެވެ.
ސައިފްގެ ކޮއްކޮ ހަމްޒާ ލަތީފް ބުނީ ސައިފް މަރުވީ ރޭ ފަތިހު 5:42 ހާއިރު ކަމަށެވެ. އިތުރަށް ހަމްޒާ ބުނީ، ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށާއި ސައިފްއަކީ "އޭނާއަށް ކިހާ ވަރެއްގެ މީހެއްކަން" ބަޔާންކޮށްދޭން ވެސް އުނދަގޫ ކަމަށެވެ.
އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ސައިފް ފަރުވާ ހޯދަމުން ގެންދިޔައީ 'ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯމަޔޯސޯކާ' ކިޔާ ބާވަތެއްގެ ކެންސަރަކަށެވެ. އެ ބާވަތުގެ ކެންސަރު ޖެހުނުކަން ދުނިޔޭގައި ވެސް ރެކޯޑް ކުރެވިފައި ވަނީ ވަރަށް މަދު މީހަކަށެވެ. ސައިފް މަރުވިއިރު އުމުރަކީ 40 އަހަރެވެ.
މީގެ ދޮޅު އަހަރު ދުަވސް ކުރިން ސައިފަށް ބަލީގެ އުނދަގޫ ވާން ފެށިއިރު، އޭނާގެ ހަށިގަނޑުގައި އެންމެ ފުރަތަމަ ކެންސަރު އުފެދުނީ ބްލެޑާ (މަސާނާ) ގައެވެ. ބްލެޑާގައި ހެދުނު ކެންސަރުގެ ބޮޑު ޓިއުމަރުގެ ސަބަބުން ބްލެޑާއާ އެކު އެ ސަރަހައްދުގެ ހުރިހާ ގުނަވަނެއް ވަނީ ނަގާފައެވެ. އަދި އޭގެ ފަހުން ސައިފްގެ މައިބަދަ އާއި ފުއްޕާމޭން ކެންސަރު ފެންނަން ފެނިފައެެވެ.
ކެންސަރުގެ އެ ވޭނާއެކު ވެސް ހިތްވަރުގަދަ އަދި ކެތްތެރި ކަމުގެ ނަމޫނާ ސައިފް ވަނީ ފުރިހަމައަށް ދައްކާފައެވެ.
ސައިފް މަރުވުމުގެ 5 ދުވަސް ކުރިން، އެ ހޮސްޕިޓަލުގައި އޭނާއާ އެންމެ ގާތުގައި އޮތް އުމުރުން 8 އަހަރުގެ މުހައްމަދު އަރީން އަބޫބަކުރުވެސް ވަނީ ކެންސަރު ބަލީގައި މަރުވެފައެވެ.
ސައިފް ވަނީ ޓްވިޓާގައި ވަރަށް ގިނައިން އަރީންގެ ވާހަކަ ދައްކާފައެވެ. އަދި އަރީންގެ ފަރުވާގެ ހަބަރުތަކާއި އެ ކުޑަކުއްޖާގެ ކެތްތެރިކަމުގެ ވާހަކަތައް ވެސް ސައިފް ދައްކައިފާ ހުރެއެވެ.
މިކަންކަމުން ހުދު އަހަރެންވެސް އިބްރަތް ހޯދައި އަހަރެންގެ އަމަލުތައް އިސްލާހު ނުކޮށް މިހުރެވެނީ ކީއްވެ ބާވައެވެ. ހަމަ ގާފިލުކަމާއި ވިޔާނުދާކަމުން ނެވެ. އަހަރެން ފަދަ އިންސާނުންނަކީ ބަލިކަށި މަރު ގާތް ބަޔަކީމެވެ.