ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ 241 ކޮމިޓީ އަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ނަޝީދު ވިދާޅުވީ އެ ކެމްޕެއިނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން އެފަދަ އަމަލުތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަންނަ އަމަލުތަކެއް ނޫން ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ މަސްލަހަތާއި ހިލާފު އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އިންޑިއާ އަކީ އެތަކެއް ހާސް ދިވެހިންނެއް އެ ގައުމުގައި ދިރިއުޅެމުން އަންނަ ގައުމަކަށްވާއިރު 'އިންޑިއާ އައުޓް'ގެ ނަމުގައި ކުރިއަށް ގެންދާ އިސްދެންނެވި ހަރަކާތުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި މިނިވަންވެ ވަޑައިގަތް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.