ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އަނެއްކާވެސް ސަރުކާރުން މަޝްރޫއެއް އިފްތިތާހުކޮށް އެ މަޝްރޫއުގެ މަސައްކަތްތައް ސަރުކާރުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

އިންތިހާބާ ގުޅިގެން ސަރުކާރުން މަޝްރޫއުތައް ހިންގަމުން ދާތީ ގިނަ ބަޔަކު އެކަމަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައި ފިޝަރީޒް މިނިސްޓްރީން ވަނީ ފަސް މިލިއަން ރުފިޔާއަށް ކޮމަންޑޫގައި އައިސް ޕްލާންޓެއް ހެދުމުގެ މަސައްކަތް ފެނަކަ އާ ހަވާލުކޮށްފައެވެ.

އެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރު އީނާޝް ނަސީރު ސޮއިކުރެއްވި އިރު، ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

ހަ މަސްދުވަހުގެ ތެރޭ ނިންމަން ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮމަންޑޫގައި ހަދާ މި އައިސް ޕްލާންޓުން ދުވާލެއްގެ މައްޗަށް 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލްކަން އެބަހުރި ކަމަށާއި، އޭގެ ދެގުނަ އައިސް ރައްކާކުރުމުގެ ކެޕޭސިޓީ އެ ޕްލާންޓުގައި ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ އެ ދާއިރާގެ ރަށްރަށުގައި މަޝްރޫއުތައް އިއުލާނުކޮށް، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މަޝްރޫއުތަކާއި މަސައްކަތްތަކަކީ:

  • ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު
  • ކޮމަންޑުއަށް އެމްބިއުލާންސް ފޮނުވުން
  • ކޮމަންޑޫގެ ފުޓުބޯޅަ ދަނޑުގެ މަޝްރޫއު އިފްތިތާހުކުރުން

އެއާއެކު، ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއާ ދެކޮޅަށް ވާދަކުރާ އެމްއެންޕީ އާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑު ކިޔައިފައެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުހައްމަދު ރާޝިދެވެ. އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން މޫސާ ފަތުހީ ވާދަކުރައްވާއިރު، އެމްއެންޕީން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީހެވެ.