ޏ.ފުވައްމުލަކު ހޯދަނޑު އަވަށާ ދިމާލުގައި އޮތް ވީދަނޑުގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑިއެފުން ބުނީ، ފުވައްމުލަކު ސިޓިގެ ހޯދަނޑު އަވަށާ ދިމާލުގައި އޮންނަ ވީދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު މެންދުރު 12:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން ކޮމާންޑުގެ ފުވައްމަލަކު ފަޔާ ސްޓޭޝަންގެ ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފުވައްމުލަކު ވީ ދަނޑުގައި އަލިފާން ރޯވެ އަނދަމުން ދަނީ

ސިފައިންނާއި އެ ރަށު ކައުންސިލްގެ މެންބަރުންނާއި އެމްޓީސީސީގެ މުވައްޒަފުން އަދި އެ ރަށު ރައްޔިތުންގެ އެހީތެރިކަމާއެކު އެ އަލިފާން ނިއްވާލާފައި ވަނީ މިރޭ އިރުއޮއްސި 06:15 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި އެއްވެސް ތަނަކަށް އަދި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

6 ގާޑިއިރު ވަންދެން މި އަލިފާން ނިއްވަން ސިފައިން މަސައްކަތް ކޯށްފަިއވާ އިރު މި އަލިފާން ރޯވާން މެދުވެރިވީ ސަބަބު އަދި ސާފުވާ ގޮތެއް ނުވެއެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ފުވައްމުލައް ކައުންސިލާ ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.