އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދާއިމީ ގޮތުން ބާތިލްކޮށްފިއެވެ.

މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރު ކައުންސިލްގައި ރެޖިސްޓާޑް ނާސްއެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މާވިން އެސްވައިވާގަސް އާއި ހަލީމަތު ލަމްހާ އަބްދުއްރަހުމާން ގެ މަށްޗަށް ޕީޖީއިން ޖަނަވަރީ 4، 2022 ވަނަ ދުވަހު ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށް އެ ކައުންސިލަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

މާވިންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި ލަމްހާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މަށްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަނުނަގައި ކުރުމުގެކުށުގެ ދައުވާ ވަނީ އުފުލާފައެވެ. އެ ކައުންސިލުން ބުނީ އެހެންކަމުން އެ ދެ މީހުންނަށް ދޫކޮށްފައިވާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އަދި ރެޖިސްޓަރޭޝަން ބާތިލުކޮށް މިކައުންސިލުގެ ނަރުހުންގެ ދަފްތަރުން ދާއިމީކޮށް އުނިކޮށްފައިވާ ކަމަށެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.