ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތުރުކީ އަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ގާއިމްކުރަން ނިންމައިފިއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތް ޝަވްޝަގްލޫއާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރުމަށް އީ ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ބަދަލުގައި ވިސާ ފްރީ އެއްބަސްވުމެއް އެކުލަވާލުމަށް ތުރުކީވިލާތަށް ހުށަހެޅުއްވިކަމަށާއި އަދި އެކަމަށް ތުރުކީވިލާތުގެ ސަރުކާރުން އެއްބަސްވެ، ވިސާ ނެތި ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަދު ތުުރުކީއިން ވަނީ ރާއްޖެއާ ދެމެދު 5 އެއްބަސްވުމެއްގައި ސޮއިވެސް ކުރައްވާފައެވެ.

މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތީ މި މަހުގެ 28 ވަނަ ދުވަހެެވެ. ތިން ދުވަހުގެ މުއްދަތަށް ކުރެއްވި މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.