ތުރުކީއާ ދެމެދު ރާއްޖެއިން 5 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތުރުކީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ވަޑައިގެން އެގައުމުގެ ފޮރިން މިނިސްޓަރު މެވްލޫތު ޝަވްޝަގްލޫއެވެ.
މިއަދު ސޮއިކުރި އެއްބަސްވުންތައް:
- ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ހަރުދަނާކުރުން.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތާރިގެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ ސަގާފަތް ދިރުވާ، އާލާކޮށް ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށް މަސައްކަތްކުރެވިގެންދާނެ ކަމަށާއި ރާއްޖޭގެ އުފެއްދުންތަކާއި ދިވެހިންގެ މަސައްކަތް ތުރުކީގެ ބާޒާރަށް ތައާރަފްކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މިއުޒިކާއި ވިޝުއަލް އާޓްސް އަދި ޕާފޯމިން އާޓްސް ފަދަ ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުމަށް ތުރުކީގެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ،
- ދިވެހިރާއްޖެ އާއި ތުރުކީ އާ ދެމެދު ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުުރުން.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުމާއި ރާއްޖޭގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ. ފޮރިން މިނިސްޓްރީއިން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގަ އާއި ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ތުރުކީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި ކެމިކަލް ފަދަ ތިމާވެއްޓަށް ނުރައްކާތެރި ޒާތުގެ ކުނިބުނި ނައްތާލުމުގެ ކަންކަމުގައިވެސް ތުރުކީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
- ދަނޑުވެރިކަން ފުޅާކޮށް ތަރައްގީކުރުން.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު ޑރ ހުސެން ރަޝީދު ހަސަންއެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި ހުނަރު ތަރައްގީ ކުރުވުމާއި ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ފުރުސަތު ލިބޭނެއެވެ.
- ދިވެހިރާއްޖެއާ ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުން.
މި އެއްބަސްވުމުގައި ދިވެހި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ސޮއިކުރެއްވިއިރު މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި ވަކިން ހާއްސަކޮށް ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެގްޒިބިޝަންތަކާއި ފެއާތައް އިތުރުކުރުމަށް މަސައްކަތްކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. ފޮރިން މިނިސްޓްރީއިން ބުނީ ދިވެހިރާއްޖެއަށް އަންނަ ތުރުކީގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިނިސްޓްރުންގެ ފެންވަރުގެ ޖޮއިންޓް އިކޮނޮމިކް ކޮމިޝަނެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފާ ކަމަށެވެ.
- ދިވެހިރާއްޖޭގެ ފޮރިން ސާވިސް އިތުރަށް ހަރުދަނާކުރުން.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޝާހިދެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީ ސަރުކާރުގެ އެހީގައި ދިވެހި ހާރިޖިއްޔާގައި ޕްރޮފެޝަނަލް ހިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އަލަށް އަމަލުކުރަން ފެށި ފޮރިން ސާވިސް ގާނޫނުގެ ދަށުން ފޮރިން ސާވިސް އިތުރަށް ހަރުދަނާކުރުމަށް ފޮރިން ސާވިސް އިންސްޓިޓިއުޓަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ޒަމާނީ އަދި ހަރުދަނާ ފޮރިން ސާވިސްއެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިއަދު ތުރުކީގެ ފޮރިން މިނިސްޓަރާއި މިނިސްޓަރު ޝާހިދު ވަނީ ރަސްމީ މަޝްވަރާތަކެއްވެސް ކުރައްވާފައެވެ. މި މަޝްވަރާތަކުގައި ތައުލީމީ ދާއިރާ އާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އާއި ތިމާވެށްޓާއި އިގްތިސާދީ ތަރައްގީ އާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަތައް ކުރިއަށް ގެންގޮސްފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތީ މި މަހުގެ 28 ވަނަ ދުވަހެެވެ. ތިން ދުވަހުގެ މުއްދަތަށް ކުރެއްވި މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.