ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސެމްސަންގްގެ މިއަހަރުގެ ފުރަތަމަ އިވެންޓްގައި ސެމްސަންގްގެ "ގެލެކްސީ އެސް22 ސީރީޒް" ދައްކާލާނެ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ސެމްސަންގްއިް މިކަން ކަށަވަރުކޮށްދީފައި ނުވާއިރު ބޭރުގެ ރިޕޯޓުތައް ބުނާގޮތުން މި އިވެންޓުގައި "ގެލެކްސީ އެސް 22 އަލްޓްރާ" ދައްކާލާނެއެވެ. މިފަދަ އަޑުތަކެއް ފެތުރިފައިވާއިރު ސެމްސަންގް އިން ވަނީ މީގެ ކުރިން އެފަދަ އިޝާރާތެއް ކޮށް، މި ސީރީސް ވަރަށް އަވަހަށް ދައްކާލާނެ ކަމުގެ އިޝާރާތްތަކެއް ވެސް ދީފައެވެ.

އޭރު އެކުންފުނިން ބުނެފައިވަނީ "ގެލެކްސީ އެސް22 ސީރީޒް" ވެގެންދާނީ މުޅި ސްމާޓްފޯން އިންޑަސްޓްރީ އަދި ޓެކްނޮލޮޖީ ދާއިރާއަށް ވެސް އަންނާނެ ބޮޑު އިންގިލާބެއް ކަމަށެވެ.

އާ ސީރީސް ގެ ދަށުން އެސް22 އާއި އެސް22 ޕްލަސް ވެސް ފެނިގެންދާނެއެވެ. ބޭރުގެ ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައިވާ ޚަބަރުތަކަށް ބަލާއިރު އެސް22 އަލްޓްރާގެ އަގަކީ 1،300 ޑޮލަރެވެ. އަދި އެސް22 ގެ އަގު އުޅޭނީ 900 ޑޮލަރުގައި ކަމަށާ އެސް22 ޕްލަސް ލިބޭނީ 1،100 އަށެވެ.

މި ސީރީސް ބަލާލުމަށް އެތައް ބަޔަކު ކެތްމަދުވެފައިވާއިރު ސެމްސަންގް ފޯނުތަކުގެ ފޭނުން ވަނީ މި ސީރީސްގެ ފޯނުތައް ބަލާލުމަށް ކެތްމަދުވެފައިވާ ކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައެވެ.