އިންތިހާއަށް މަސްރަހު ނުތަނަވަސް ވެފައި ވާ ޔޫކްރައިންއާއި ރަޝިއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގެ ރަޝިއާއާ ވީ ފަޅީގައި އެ ގައުމުގެ އަސްކަރީ ފިޔަވަޅުތިލަ ވަރުގަދަ ކުރަމުން ދާ މި ދަނޑިވަޅުގައި، ބްލަންޑް ބޭންކެއްވެސް ގާއިމު ކޮށްފައި ވާ ކަން ފާހަގަ ކޮށް، އެމެރިކާއިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

ޔޫކްރައިންއާއެކު ރަޝިއާއިން ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ބްލަޑް ބޭންކަކާއެކު އިތުރު ސިއްހީ އާލާތްތައް ގާއިމު ކުރަމުން ދާ ދިއުމަކީ، ހަނގުރާމައެއް ނުވަތަ ކުރިމަތިލުމެއްގައި އަނިޔާ ލިބޭ މީހުންނަށް ފަރުވާ ދިނުމަށް ވަމުން ދާ ތައްޔާރީތަކުގެ އިޝާރާތެއް ކަމަށް އެމެރިކާގެ 3 އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ކުރިއާއި މިހާރުގެ އޮފިޝަލުން ވަނީ، ބްލަޑް ބޭންކު ގާއިމު ކުރުމަކީ، އަސްކަރީ ބާރާއެކު ޔޫކްރައިންއަށް އެރުމަށް ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ނިންމަވައިފި ހިނދެއްގައި އެކަން ކުރުމަށް ރަޝިއާ ތައްޔާރު ވާ ކަމުގެ ސާފު އިޝާރާތެއް ކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން ވަނީ ޔޫކްރައިން ބޯޑަރު ސަރަހައްދުގައި 1 ލައްކައަށްވުރެ ގިނަ ސިފައިންވެސް ރުކުރުވާލާފައެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ރަޝިއާއިން ޔޫކްރައިންއަށް އަރާ ހަނގުރާމަ ފަށާނެ ކަމަށް އެމެރިކާއާއި ހުޅަނގުގެ ބައިވެރިން ތުހުމަތު ކުރަމުން ދާ އިރު، ރަޝިއާއިން ވަނީ މި ކަމަށް އިންކާރު ކޮށްފައެވެ. ނަމަވެސް ރަޝިއާގެ ސަލާމަތީ މަސްލަހަތު ގުރުބާން ނުކުރާނެ ކަމަށްވެސް ރަޝިއާއިން ވަނީ ބުނެފައެވެ.

ކަން މިހެން އޮތް އިރު ބެލަރޫސްއިން ވަނީ، އެ ގައުމަށް ނުވަތަ އެ ގައުމުގެ ގާތް ބައިވެރިޔާ، ރަޝިއާއަށް ހަމަލާ ދީފުމަށްދާންދެން ހަނގުރާމައެއްގެ ޝައުގު ނެތް ކަމަށްވެސް ބުނެފައެވެ.

ޔޫކްރައިންއާއި ރަޝިއާގެ ހީނަރު ގުޅުމުގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވެފައި ވާ މި ދަނޑިވަޅުގައި، ރަޝިއާއާއި އިންޑިއާއަށް އެސް-400 މިސައިލްގެ އަސްކަރީ ވިޔަފާރި ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އިންޑިއާއިން ދަނީ، ރަޝިއާގެ އެސް-400 ޓްރަޔަމްފް ސާފަސް ޓު އެއާ މިސައިލް ޑިފެންސް ސިސްޓަމްގެ ފުރަތަމަ ޔުނިޓްގެ އޮޕަރޭޝަން މަސައްކަތްތައް، އަންނަ އޭޕްރިލް މަހު ފެށުމަށް ރާވަމުންނެވެ.