ބައި-އިލެކްޝަނާ ދިމާކޮށް ކޮމަންޑޫ އާއި އެ ރަށުގެ ހުޅަނގު ފަރާތުން އެއް ފަޅެއްގެ ތެރޭގައި އޮންނަ މަތިކޮމަންޑޫ ގުޅުވާލުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ މިމަހު 19 ވަނަ ދުވަހު ކަމަށް އޭސީސީން ބުނެއެވެ. އޭސީސީން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަޖެޓުގައި ނެތް މަޝްރޫއެއް ފަށާފައިވާ ކަމަށް ބުނެއެވެ.

އެމައްސަލަ ދިރާސާ ކުރަމުން ދާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު އިއުލާނު ކޮށްފައި ވަނީ، އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ޖަލްސާގައެވެ.

މި މަޝްރޫއު އެމްޓީސީސީ އާ ސަރުކާރުން ހަވާލުކުރީ މިމަހުގެ 12 ވަނަ ދުވަހު، ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 249.9 މިލިއަން ރުފިޔާއަށެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ މިދިޔަ މަހު އިއުލާނު ކޮށްފައެވެ. އެ ދާއިރާއަށް ވާދަކުރަނީ ސަރުކާރު ޕާޓީ އެމްޑީޕީއާއި، އެމްއެންޕީގެ އިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންނެވެ. އެމްޑީޕީއާ ވާދަކުރާ ދެ ޕާޓީންވެސް ވަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.