ޕާކިސްތާނުގެ ލާހޫރުގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު މާގިނައިން "ޕަބްޖީ" ގޭމު ކުޅުމުގެ ސަބަބުން ނަފްސާނީ މައްސަލަތައް ދިމާވެ، އޭނާގެ މުޅި އާއިލާ މަރާލައިފިއެވެ.

މިކަމާ ގުޅިގެން އެގައުމުގެ ފުލުހުން ބުނެފައިވަނީ އެ ކުއްޖާ އޭނާގެ މަންމަގެ އިތުރުން އޭނާގެ ކުޑަ ދެ ކޮއްކޮ އާއި އެގޭގައި ދިރިއުޅޭ ހުރިހާ އެންމެން މަރާލާފައި ވާ ކަމަށެވެ.

އަދި އެކަން ކުރީ ގޭމުގެ ނުފޫޒު ގަދަވެ އެންމެންގެ ގަޔަށް ބަޑި ޖަހައިގެން ކަމަށް އެ ކުއްޖާ އިއުތިރާފު ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން އެގައުމުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ހިނގާފައި ވަނީ އެ ފިރިހެން ކުއްޖާ އޭނާގެ މަންމައާ ޒުވާބު ކުރުމަށް ފަހު އޭގެ ކުޑައިރުކޮޅެއް ފަހުން ކަމަށެވެ.

އަދި އެ މީހުން މަރާލާފައި ވަނީ ނިދާފައި ތިއްބާ ކަމަށާ ފުލުހުންނަށް މި މައްސަލަ ރިޕޯޓު ކޮށްފައި ވަނީ ޖެހިގެންއައި ދުވަހު އެ ގެއާ ޖެހިގެން ހުންނަ ގެއެއްގެ ބައެއް ކަމަށެވެ.

އަދި އެ ގޭމު ކުޅުމުގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އެދެމައިންގެ މެދުގައި މީގެ ކުރިންވެސް ޒުވާބުކުރާ ކަމަށާ ގޭމަށް ދެވިހިފައި ކިޔެވުމަށްވެސް ސަމާލުކަން ނުދިނުމުގެ ސަބަބުން ވެސް ޒުވާބުކުރާ ކަމަށް ބުނެފައި ވެއެވެ.

އަދި ގޭމުގެ ސަބަބުން ނަފްސާނީ ގޮތުން އެ ކުއްޖާއަށް އަސަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.