ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޯ މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ.

ރަސްމީ ދަތުރެއްގައި ވަޑައިގެންނެވި މެވްލުތް ޗަވުޝޯލޫ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ.

މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް އޭނާ ކުރައްވާ މި ދަތުރުގައި މާދަމާގެ ވަގުތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވަން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ޝާހިދާއެކު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ނިންމަވާފައި ވާއިރު ބައެއް އެއްބަސްވުންތަކުގައި ވެސް ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރަކީ ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.