ކުޅުދުއްފުށި ސިޓީއާއި ގދ. ތިނަދޫގައި ޕޯޓު ހެދުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

އެމްޕީއެލް އިން އެމްޓީސީސީ އާ ހަވާލުކުރީ ކުޅުދުއްފުށި ސިޓީގެ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާއި، ތިނަދޫ ރީޖަނަލް ޕޯޓުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއެވެ.

އެމްޓީސީސީ ޓަވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.

ކުޅުދުއްފުށީގެ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 42،000 ކޮޑި މީޓަރުގެ ބަނދަރު ފުންކުރުމާއި، 150 މީޓަރު އެއްގަމު ތޮށި ލުމާއި، 575 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 14,213 އަކަ މީޓަރުގެ ސަރަޙައްދެއް ޕޭވްކުރުމުގެ އިތުރުން ޕޯޓް އެޑްމިނިސްޓްރޭޝަން އިމާރާތާއި ގުދަނެއް އެޅުން ފަދަ މަސައްކަތްތައް ކުރާނެއެވެ.

އަދި ތިނަދޫ ރީޖަނަލް ޕޯޓު މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އިދާރީ ބޭނުމަށް އިމާރާތަކާއި ގާޑް ހައުސެއް އަދި ވޯކްޝޮޕް އިމާރާތެއް ހަދައި، ނެރު ބައްތިއާއި ފެންޑާ ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެއެވެ.

ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ މަޝްރޫއަށް 138.9 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ތިނަދޫ ރީޖަނަލް ޕޯޓުގެ މަޝްރޫއަށް 17.8 މިލިއަން ހަރަދު ކުރުމަށް އެމްޕީއެލުން ވަނީ ނިންމާފައެވެ.