ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމަށްޓަކައި ކުންފުންޏަކަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރެއްވި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާ ސާފުނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އިއްވި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި ވަނީ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ޝަންހައި ބޭންކްގެ އެކައުންޓަށް ޔާމީން ޖަމާކުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އޮތް އެކައުންޓަކަށް ޖަމާކުރެއްވުމަށް ފަހު އެ އެކައުންޓްގައި ހުރި ފައިސާއާ އެކު އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޔާމީން ޖަމާކުރެއްވި ކަމަށް ވެސް އެއެދައުވާގައި ބުނެއެވެ.
އަދި އިސްލާމިކް ބޭންކްގެ އެކައުންޓްގައި ހުރި އިތުރު ފައިސާއާ އެކު، އެ ބޭންކްގައި ހުރި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާ 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓް ކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައި ވަނީ ބުނެފައެވެ.
ދައުވާ އިއްވުމުން ޔާމީން ވަނީ އެ ދައުވާ ސާފުވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީން ވަނީ އެމަނިކުފާނުގެ ހުރިހާ ވަކީލުންނާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ދައުވާ ސާފުވިތޯ ޝަރީއަތުން ކަށަވަރު ކުރަން ޖެހޭ ކަމަށާއި އެހެންކަމުން ދައުވާ ސާފުވިތޯ ކަށަވަރުކޮށް، ދައުވާއަށް ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
ޔާމީންގެ އިތުރު މައްސަލައެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.