2030 ވަނަ އަހަރު ބާއްވާ ވޯލްޑް އެކްސްޕޯ ސައުދީ އަރަބިއްޔާގައި ބާއްވަން ތާއީދު ކުރާކަމަށް ރާއްޖޭން ހާމަކޮށްފިއެވެ.

ސައުދީގައި ވޯލްޑް އެކްސްޕޯ 2030 ބާއްވަން ރާއްޖޭން ތާއީދު ކުރާކަން ހާމަކުރައްވާފައި ވަނީ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސައުދީގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އަލް ސައޫދާ އެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގައެވެ.

ސައޫދީގެ ހާރިޖީ ވަޒީރާއި ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައި މިނިސްޓަރު ޝާހިދު ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނާއި، ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ބާއްވާ ވޯލްޑް އެކްސްޕޯ އެންމެ ފަހުން ބާއްވާފައިވަނީ ޔޫއޭއީގެ ދުބާއީގައި މިދިޔަ އަހަރުގައެވެ. ކުރިން ހަމަޖެހިފައި އޮތީ 2020 ގައި އެ އެކްސްޕޯ ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ ހެދި ވޯލްޑް އެކްސްޕޯ މިދިޔަ އަހަރަށް ފަސްކުރީއެވެ.

ދުބާއީގައި މިދިޔަ އަހަރު އޮތް ވޯލްޑް އެކްސްޕޯ ބައްލަވާލައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވަޑައިގަތެވެ.