ޔޫތް މިނިސްޓަރު އަހަމްދު މަހްލޫފްގެ މައްސަލަ ފަސްކުރަން ކްރިމިނަލް ކޯޓުން ނިންމުމުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްރާންސްޕޭރަންސީން ބުނީ، މިނިސްޓަރު މަހްލޫފްގެ މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށް މިއަދު ކްރިމިނަލް ކޯޓުން ބުނެފައި ވާ ކަމަށެވެ. މަހްލޫފްގެ މައްސަލަ ބެލުން ފަސްކޮށްފައި ކޯޓުގެ އެހެން ޝަރީއަތްތައް ހިންގަމުން ދާތީ، އެ ކޯޓުން އަމަލު ކުރަމުން ގެންދާ އުސޫލުތަކާ މެދު ދެފުށް ފެންނަ ގޮތެއް ނެތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ޓްރާންސްޕޭރަންސީން ބުނެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގެ ތެރެއިން 33000 ޑޮލަރުގެ ރިޝްވަތު ނެގި ކަަމުގެ ތުހުމަތުގައި ޔޫތް މިނިސްޓަރު އަހްމަދް މަހްލޫފަށް ދައުވާ އުފުލާފައި ވަނީ މިިދޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އޭނާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިދިޔަ ބުދަ ދުވަހަށް ތާވަލުކުރި ނަމަވެސް، އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކްރިމިނަލް ކޯޓުން ބުނީ، މަހްލޫފުގެ ޝަރީއަތް އަލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ މައްސަލާގައި ހިމެނޭ އެންމެން ހާޒިރުކޮށްގެން ކަމަށާއި، ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ އަލުން ތާވަލުކުރަން ނިންމާފައިވާ ކަމަށެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.

މަހްލޫފްގެ މައްސަލަ ފަސްކުރަން ނިންމި ނަމަވެސް ކްރިމިނަލް ކޯޓުން އަންނަނީ އެހެން ޝަރީއަތްތައް ބާއްވަމުންނެވެ. އެ ގޮތުން އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރިޣެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ވެސް މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ ތާވަލްކޮށްފައެވެ. މި ނޫން ވެސް މައްސަލަތަކަށް ބަލާ އިރު، ޓެރަރިޒަމްގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތާކައި މަރުގެ މައްސަލަަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަަތައް ވެސް މި ދިވަސްވަރު ބަލަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.