އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ މައްސަލާގައި ހިމެނޭ އެންމެން ހާޒިރުކޮށްގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ގައެވެ. އޭނާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިދިޔަ ބުދަ ދުވަހަށް ތާވަލުކުރި ނަމަވެސް، އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

"ދަ ޕްރެސް" އަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަހްލޫފުގެ ޝަރީއަތް އަލުން ކުރިއަށް ގެންދަން ނިންމާފައިވަނީ އެ މައްސަލާގައި ހިމެނޭ އެންމެން ހާޒިރުކޮށްގެން ކަމަށާއި، ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ އަލުން ތާވަލުކުރަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑުގެ ހާލަތު ގޯސް، އަދި ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި މަހްލޫފް ވަނީ ކޮމަންޑޫ ދާއިރާގެ ކެމްޕެއިނާއި، ބައެއް ރަށްރަށުގެ މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވުމަށް ގިނަ ދަތުރުތައް ކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި ސަރުކާރުގެ އިސް ބޭފުޅަކަށް ދައުވާ އުފުލައިފި ނަމަ އެ ބޭފުޅަކު މަގާމުން ވަކި ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެހެން ނަމަވެސް މަހްލޫފްގެ މައްޗަށް ދައުވާކޮށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އަދިވެސް މަހްލޫފް ހުންނެވީ ޔޫތު މިނިސްޓަރު ކަމުގެ މަގާމުގައެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލައިފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މަހްލޫފް މީގެ ކުރިން ވިދާޅުވި ނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ނިންމުންތައް ގަބޫލު ނުކުރައްވައި އޭނާ ފަހުން ނިންމެވީ އޭނާގެ މައްޗަށް ދައުވާ ސާބިތުވަންދެން މަގާމުގައި ދެމި ހުރުމަށެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.

މީގެ ކުރިންވެސް މަހްލޫފްގެ މައްޗަށް 2019 ގައި ދައުވާކުރަން ފޮނުވިއިރު، ދައުލަތުން ވަނީ އޭރު ކުޑަ ދުވަސްކޮޅަކަށް މަހްލޫފް ސަސްޕެންޑުކޮށްފައެވެ. އޭގެ ފަހުންވެސް މަހްލޫފް މިދިޔަ ޖޫން މަހު މަގާމުން ސަސްޕެންޑުކޮށްފައިވެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ގޮތެއް ނިންމުން ލަސް ކަމަށް ބުނެ، އޭނާގެ ސަސްޕެންޝަން ވަނީ އޭގެ ހަތަރު މަސް ފަހުން އުވާލާފައެވެ.