އާންމު ހިދުމަތެއް ހޯދުމަށްޓަކާ ކިއުގައި ޖެހެން ނުޖެހޭ ފަހަރެއް ނާދެއޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ޓެކްނޮލޮޖީގެ ރޮނގުން ކިތަންމެ ބޮޑެތި ކުރިއެރުންތަކެއް ލިބުނު ކަމުގައި ވީ ނަމަވެސް، ކިއުއަށް އަރަން ނުޖެހި ނުދެއެވެ. ނަމަވެސް، ކިއުއެއްގައި މަޑު ކުރުމަކީ ކޮންމެ މީހަކަށް ލިބިފައިވާ ހުނަރެކޭ ނުދެންނެވޭނެއެވެ. ޝަކުވާއެއް ނުކުރާ މީހަކު މަދުވާނެއެވެ.

ކަން މިހެން އޮތް ނަމަވެސް، އުމުރުން 31 އަހަރުގެ ފްރެޑީ ބެކެޓްގެ ވާހަކަ ތަފާތެވެ. ފާއިތުވީ 3 އަހަރެއްހާ ދުވަހު، ބެކެޓް، އާމްދަނީ ހޯދަމުން ދިޔައީ މުއްސަނދިންގެ ފަރާތުން ކިއުގައި މަޑުކޮށްދީގެންނެވެ. އެއީ އޭނާގެ "ރަސްމީ" ވަޒީފާއެވެ. ކިއުގައި މަޑުކުރާ ކޮންމެ ގަޑިއިރަކަށް 20 ޕައުންޑް ނުވަތަ 27 ޑޮލަރު ހޯދައެވެ. ބެކެޓް ހުންނަނީ ކިއުއެއްގައި މަޑުކޮށްލަން ނުލިބިފައެވެ. އަދި އެކަމަކީ އޭނާގެ ދާއިމީ ވަޒީފާ ކަމުގައި ހަދަން ކެތްމަދުވެފައެވެ.

މުއްސަނދިންނަށް ކިއުގައި މަޑުކޮށްދީގެން ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ލިޔުންތެރިޔާ، ފްރެޑީ ބެކެޓް / ފޮޓޯ: މިޑް-ޑޭ

ކިއުގައި މަޑުކުރުމުގެ ހިދުމަތް، ބެކެޓް ދެމުން ދަނީ މާ ބޮޑު ތަމްރީނަކާ ނުލާ އަދާ ކުރެވެން ހުރި ވަޒީފާތައް ލިސްޓު ކުރާ ހާއްސަ ވެބްސައިޓެއް މެދުވެރިކޮށެވެ. ބެކެޓްގެ ގިނަ ކްލަޔަންޓުންނަކީ އިންތިހާ މުއްސަނދިންނެވެ. އަތުގައި 2 ފޮތި ފައިސާ ހަމަވިއަސް، ލާރިކޮޅެއް ދީފައި ބަދަލުގައި ކިއުއަށް އަރާނެ މީހަކު، ކޮންމެ މީހަކުވެސް ހޯދައެވެ. އެ ނަސީބުގައި ހިފާ އެކަކީ ބެކެޓްއެވެ.

މި ގޮތަށް ކިއުގައި ހުންނައިރު އިންތިހާ ނަސީބު ލިބޭ ދުވަސްތަކާވެސް ކުރިމަތިވެއެވެ. އެގޮތުން، ކިއުއެއްގައި 3 ގަޑިއިރު މަޑު ކުރުމަށްފަހު، ޓިކެޓް ވެރި ފަރާތުން އެ ޓިކެޓް ނަގަން އަންނަންދެން، އެ ބުނާ ތަނެއްގައި މަޑުކޮށްގެން ހުންނަ ވަގުތަށްވެސް ބެކެޓް އުޖޫރަ ނަގައެވެ. ބައެއް ފަހަރު، 8 ގަޑިއިރުވެސް ހޭދަވެފައި އެބަހުއްޓެވެ.

ރަނގަޅު ދުވަހެއްގައި 215 ޑޮލަރު ޖެހެއެވެ. ނަމަވެސް ތާ އަބަދަކު ނޫނެވެ. ކަން މިހެން އޮތް ނަމަވެސް، މިއީ އެމީހަކު ބޭނުން ގަޑިއެއްގައި އަދާ ކުރުމުގެ ފުރުސަތު އޮންނަ ވަޒީފާއެއް ކަމުން، އެއީވެސް "ބޯނަސް"އެއް ކަމުގައި ބެކެޓް ދެކެއެވެ.

ބެކެޓްއަކީ ހަގީގަތުގައި ލިޔުންތެރިއެކެވެ. ކިއުގައި މަޑު ކުރުމަކީ އިތުރު އާމްދަނީ ހޯދަން ކުރާ މަސައްކަތަކަށް ވީ ނަމަވެސް، ގަޑިއަކަށް 20 ޕައުންޑަށް ވުރެ އިތުރަށް ނަގަން ނުކެރޭނެ ކަމަށް ބެކެޓް ބުނެއެވެ.