މިދިޔަ އާދީއްތަ ދުވަހު ކުއްލި ގޮތަކަށް ނިޔާވި ވެބް ޑިވެލޮޕަރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ގެ ޖަނާޒާ މެލޭޝިއާގައި މާދަމާ ބާއްވަން ހަމަޖައްސައިފިއެވެ.

ޑާޑި ނިޔާވެފައި ވަނީ، މެލޭޝިއާގައި ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ޖަހާ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖެހުމަށް ފަހު ނިދާލާ ތެދުވެ ކަސްރަތަށް ނިކުމެ އުޅެނިކޮށް ވެއްޓިގެންނެވެ.

އޭނާގެ މޫނު ދެއްކުން މެލޭޝިއާ ގަޑިން މާދަމާ 11:30 ގައި އޮންނައިރު، ކަށުނަމާދު ކުރުން އޮންނާނީ މާދަމާ މެންދުރުފަހު އެ ގައުމުގެ ގަޑިން 1:26 ގައި ކުއަލަލަމްޕޫރުގައި ހުންނަ ކެބަންސާން ހޮސްޕިޓަލުގައެވެ. އޭގެ ބައިގަޑިއިރު ފަހުން އޭނާ ވަޅުލުމަށް ވަނީ ހަމަޖެހިފައެވެ.

ޑާޑި ނިޔާވިއިރު އޭނާ ހުރީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަން އުފައްދާ ލޮޓީފައިލްގެ ޕްރޮޑަކްޓް ލީޑްގެ މަގާމުގައެވެ. އޭގެ އިތުރުން، ސްޓާޓްއަޕްތަކަށް އެހީތެރިވުމަށް އުފައްދާފައިވާ ސްޕާކްހަބްގެ ކޯ ފައުންޑަރަކީވެސް އޭނާއެވެ.

އޭނާ ވަނީ އެލައިޑްގައި މަސައްކަތްކުރެއްވި އިރު ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" ތައާރަފު ވެސް ތައާރަފު ކުރައްވާފައެވެ.