ހެލްތު މިނިސްޓްރީ އާ އެކު އެސްޓީއޯއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ށ. ކޮމަންޑޫއަށް އެމްބިލާންސް ފޮނުވާލައިފިއެވެެ.
މި އެމްބިއުލާންސް އެ ރަށަށް ފޮނުވާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮމަންޑޫ އަށް އެމްބިއުލާންސް ފޮނުވާފައި ވާއިރު އެރަށު ހެލްތު ސެންޓަރުގައި މީހުން އުފުލުމަށް ބޭނުން ކުރާ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ މިހާރު ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ރަށު ހެލްތު ސެންޓަރުން ބުނެއެވެ. މިގޮތުން ހެލްތު ސެންޓަރުގައި ބޭނުންކުރާ އެމްބިއުލަންސް ހަލާކުވުމުން މީހުން އުފުލުމަށް އެރަށުގައި ބޭނުން ކުރަމުން ދިޔައީ ރަށުޕިކަޕެވެ.
އަތޮޅު ތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ ދަށުން 96 އެމްބިއުލާންސް ގެންނަން އެއްބަސްވިއެވެ. މިހާތަނަށް 60 އެމްބިއުލެންސް ގެނެސްފައި ވާއިރު އެމްބިއުލެންސް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސިއްހީ ހިދުމަތްދޭ ހުރިހާ ރަށަކަށްވެސް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު، ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ނުވަތަ އެމްބިއުލާންސް ހަލާކުވެގެން ސިއްހީ މަރުކަޒުތަކަށް ބަލިމީހުން ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއަށް ބައެއް މީހުން ފާޑުކިޔާފައިވެސް ވެއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ސިއްހީ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.