ކޮވިޑް 19ގެ އޮމިކްރޯން ރާޅާއެކު މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސް-ސީ) އަނެއްކާވެސް ރާއްޖެއިން ފެންނަން ފަށައިފި ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކޮވިޑް ޖެހުމަށް ފަހު ކުޑަކުދިންނަށް ޖެހޭ މިސް-ސީ ޖެހިގެން، މިހާރުވެސް 4 ކުއްޖަކު ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ތަންކޮޅެއް ބަލި އިރު އެއީ އެހެނިހެން ބަލިތައް ވެސް ހުންނަ ކުއްޖެއް ކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ. މި 4 ކުދިންގެ ތެރޭގައި ރަށަކުން ގެނެސްފައި އޮތް ކުއްޖަކު ހިމެނޭ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލް ވިދާޅުވީ ރަށަކުން ގެނައި ކުއްޖާއަށް ކޮވިޑު ޖެހުނީ މިދިޔަ ޑިސެމްބަރު މަހު ކަމަށާއި މީގެ 4 ދުވަސް ކުރިން ހުންއައިސް ހޮޑުލާ ބަނޑުދިޔާވި ކަމަށެވެ. އަދި މިހާރު އެ ކުއްޖާގެ ލޭގެ ޕުރެޝަރު ދަށްވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މި ބަލި ޖެހެނީ ކޮވިޑް ޖެހުމަށް ފަހު ކުޑަކުދިންނަށެވެ. މި ބަލި 3 އަހަރާއި 10 އަހަރާ ދެމެދު އުމުރުފުރައިގެ ކުދިންގެ ގައިން ފެނިފައި ވާއިރު، މި ބަލި ކޮވިޑްގެ މުއްދަތުގެ ތެރޭގައި ވެސް ޖެހޭކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ.

މިސް-ސީ ޖެހެނީ މަދުވެގެން ދެ ސިސްޓަމަކަށެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި މަދުވެގެން 3 ދުވަހު ގަދަޔަށް ހުންއައުން، ހިތުގެ ވިންދާއި ލޭގެ ޕްރެޝަރު ދަށްވުން، ކަނދުރާގައި ރިއްސުން، އުކުޅުވަޅުގައި ރިއްސުން، ލޭ މަނާވުމުގެ ބައި ދަށްވުން އަދި ހޮޑުލުން ހިމެނެއެވެ.

މި ބަލީގެ އެންމެ ބޮޑު އަލާމާތަކީ ގަދައަށް ހުން އައުމެވެ. ގާތްގަނޑަކަށް 39، 40 ޑިގްރީ ސެލްސިއަސްގައި މަދުވެގެން 3 ދުވަސް ވާންދެން ހުން އަންނަކަމަށް ޑރ ވިދާޅުވިއެވެ. ކުޑަކުދިންނަށް ވާތީ ބައެއް ފަހަރު ކޮވިޑަށް ޓެސްޓު ނުކޮށް ހުއްޓާ އޭގެ ފަހުން މި ބަލީގެ އަލާމާތްތައް ފެނި ޓެސްޓު ކުރާ އިރު މި ބަލި ޖެހިފައިވާ ކުދިންވެސް ފެނިފައި ވާކަން ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބައްޔަކީ ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމުން އަލާމާތްތައް ފެނުމުން ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދަން ވާނެއެވެ. މި ބަލިން ރަނގަޅުވާން ގާތްގަނޑަކަށް އެއް ހަފްތާއާއި ދެ ހަފްތާގެ މުއްދަތެއް ނަގައެވެ.