ބޭރަށް ހިންގުމާއި ހޮޑުލުން ދަނީ އިތުރުވަމުން ކަމަށާއި ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ބޭރަށް ހިންގާނަމަ ގިނައިން ދިޔާ ތަކެތި ބޭނުންކުރުން، ފާހަނާ ކުރުމަ ށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމުގެ އިތުރުން ބޭރަށް ހިންގުމުގެ އަލާމާތް ނުފެންނަތާ 1 ދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި މަސައްކަތަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައި ވެއެ.

ބަނޑުގައި ރިއްސުމާއި ހޮޑުލުން އިތުރުވެފައި ވާކަން ފާހަގަކޮށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވަނީ މިކަންކަން ފާހަގަ ކުރެވޭނަމަ ހޮޑުބޭސް (އޮންޑަންސެޓްރޮން، ޑޮމައިރިޑޯން) އަދި ދިޔާ އެއްޗެހި ރަނގަޅަށް ދިނުމަށް އިރުޝާދު ދެއްވާފައެވެ. އަދި ފެންމަދުވެގެން 6 ގަޑިއިރަށް ވުރެ ގިނަ އިރު ކުޑަކަމު ނުދާ ނަމަ ހޮސްޕިޓަލް އަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް ލަފާ ދެއްވާފައެވެ.

ބޭރަށް ހިންގުމުގެ އިތުރުން ތިރީގައިވާ އަލާމާތްތައް ފެނިއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އަލާމާތްތައް:

  • އާދަޔާ ހިލާފަށް ކަރުހިއްކުން
  • ބޮލަށް އެނބުރުން އެރުން
  • ކުޑަކަމުދެވޭ މިންވަރު މަދުވުން
  • ގިނައިން ހޮޑުލެވުން
  • ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
  • އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން

ބަލީގެ އަލާމަތްތައް ފެންނަ ނަމަ ތިމާއާ އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.