އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރި، އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތް ކަމަށް ވިދާޅުވެ އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ. ފައިސަލް ވިދާޅުވީ އައިޖީއެމްއެޗުގައި 60 ތުއްތު ކުދިން އެޑްމިޓްކޮށްފައި އެބަތިބި ކަމަށާއި އޭގެ ތެރެއިން 8 ކުއްޖަކު އޮތީ މެކޭނިކަލް ވެންޓިލޭޓަރުގައި ކަމަށެވެ. އަދި ސިވިލް ސާވިސްގައި މީހުން އައްޔަން ކުރާ ގޮތަށް ވުރެ އަވަހަށް ޑޮކްޓަރުންނާއި ނަރުހުން އައްޔަން ކުރަން އެބަ ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ހިދުމަތްތައް ޑީ ސެންޓްރަލައިޒް ކޮށް އިންސާނީ ވަސީލަތްތަކާއި އަދި ބޭހުގެ ކަންކަމަށް އިތުރަށް ސަޕޯޓް ބޭނުންވާ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ޑރ. ފައިސަލް "ދަ ޕްރެސް" އަށް ވިދާޅުވީ ދުވަސް ނުފުރާ ކުދިން ވިހެއުން ނިސްބަތުން އިތުރު ކަމަށާއި ގިނަ ދުވަސްތަކެއް ވާންދެން އެ ކުދިން ހޮސްޕިޓަލުގައި ހޭދަކުރަން ޖެހޭ ކަމަށެވެ. އަދި އައިޖީއެމްއެޗްގެ އެންއައިސީޔޫގައި 23 ނުވަތަ 24 ކުދިން އޮންނަ ދުވަސްތައް ދާ ކަމަށާއި އެންމެ އުދަނގޫ ކަމަކަށް ދިމާވަނީ އެތަނުގައި ނަރުހުން މަދުވުން ކަން ފާހަގަ ކުރައްވާ ޑރ. ފައިސަލް ވިދާޅުވީ ކޮންމެ ނަރުހަކު 4 ކުދިން ބަލަން ޖެހޭ ފަހަރުތައް ވެސް ދާ ކަމަށެވެ.

ޑރ. ފައިސަލް މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައި ވާއިރު އެކަށީގެންވާ ސިއްހީ ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާތައްވެސް ވަރަށް ގިނައެވެ. އަތޮޅު ތެރޭގައި ވަސީލަތްތައް ނެތި ސިއްހީ ފަރުވާތަކަށް ހުރަސް އެޅޭއިރު އެމްބިއުލާންސް ނެތި ބަރޯއާއި ގާޑިޔާ އަދި ޕިކަޕު ފަދަ އުޅަނދުތަކުގައި ވެސް ބަލި މީހުން އުފުލާފައި ވެއެވެ.