ދަރިފުޅު އެންމެ ތުއްތު އިރުން ފެށިގެން އަމިއްލައަށް ހިނގާ ބިނގާވެ އުޅެވެންދެން އެ ކުދިންގެ ކަންތައްތައް ކޮންމެ މައިންބަފަޔަކުވެސް ވަރަށް ކައިރިން ބަލައެވެ. އެކުދިންނަށް ފައިދާ ހުރި ކާނާ ދިނުމާއި ކޮންމެ ދުވަހަކުވެސް އާ ކަންތައްތައް ދަސްކޮށްދީ ކުއްޖާ ބަލާ ބޮޑު ކުރަނީ ވަރަށްވެސް ލޯބިންނެވެ. ފޫހިކަމެއް އަދި ވަރުބަލި ކަމެއްނެތި މިހުރިހާ ކަންކަން ކޮށްދިނުމަށް މަންމައާއި ބައްޕަ ވާ ގުރުބާނީ އަގު ވަޒަން ނުކުރެވެއެވެ.
ކޮންމެ މަންމައަކާ ބައްޕަޔަކުވެސް ބަލަނީ އެމީހެއްގެ ދަރިފުޅު ބެލުނު އެންމެ ރަނގަޅަކަށް ބަލާ، ދެވުނު އެންމެ ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ކަމަށްވާއިރު މި ލިޔުމުގައި ގެނެސްދެނީ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލްގެ އިރުޝާދާއެކު މި ކުޑަ މުޖްތަމައުގެ ތެރޭގައިވެސް އާންމުވަމުން އަންނަ ތުއްތު ކުދިންގެ މައްސަލަތަކަށް ހައްލެވެ.
1. ފޯމިއުލާ ދިނުމުގައި ސަމާލުކަން ދޭންވީ ކޮން ކަންތައްތަކަކަށް؟
ގާތުން ދިނުމުގެ ބަދަލުގައި ތުއްތު ކުދިންނަށް ފޯމިއުލާ ދިނުމަކީ އާންމު ކަމެއް ނަމަވެސް ޑރ. ވިދާޅުވި ގޮތުގައި އެއީ ރަނގަޅު އާދައެއް ނޫނެވެ. ގާތުން ދިނުމުގެ ސަބަބުން މައިމީހާގެ ކިބައިން ދަރިފުޅަށް ލިބޭނެ އެތައް މާއްދާއެއް ފޯމިއުލާއިން ނުލިބޭކަމަށް ޑރ. ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިކަންކަމަށް ސަމާލުކަންދިނުން މުހިންމެވެ، ފޯމިއުލާ ދޭ ފަދަ ހާލަތެއްގައިވެސް އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަށް ޑރ. އެދިލެއްވިއެވެ. ސާފުތާހިރުކަމަކީ ހުރިހާ ކަމެއްގައި ވެސް މުހިންމު ކަމެއް ކަމަށާއި ފޯމިއުލާ ދިނުމުގައި ވެސް އެކަމަށް ސަމާލުކަން ދިނުމަށް ޑރ. ފައިސަލް ނަސޭހަތްތެރިވިއެވެ. އަދި ގިނައިރު ފޯމިއުލާ ހަދާފައި ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ބަހައްޓާ ނަމަވެސް ސާފުތާހިރު ތަނެއްގައި ބެހެއްޓުމަށް ޑރ. ލަފާ ދެއްވިއެވެ.
2. ކުޑަކުދިންނަށް ކާންދޭން ފަށަން ރަނގަޅީ ކޮން އުމުރަކުން ފެށިގެން؟
މަދުން ނަމަވެސް ތުއްތު ކުދިންނަށް 6 މަސް ނުފުރެނީސް ކާންދޭން ފަށުމަކީ މި ކުޑަ މުޖްތަމައުންވެސް ފެންނަ ކަމަކަށްވާއިރު އެކަމާ ގުޅިގެން ޑރ. ފައިސަލް ވިދާޅުވީ އާންމު ގޮތެއްގައި ތުއްތު ކުއްޖާގެ ގޮހޮރު ހަޖަމް ކުރުމަށާއި އެކަންތައްތަކަށް ތައްޔާރުވެފައި ހުންނާނީ ގާތްގަނޑަކަށް އުމުރުން 6 މަހުގައި ކަމަށެވެ.
ނަމަވެސް ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ކަމުން ޑރ. ވިދާޅުވީ އެކުއްޖެއްގެ ހަރަކާތްތަކުން އެކަން ދެނެގަނެވޭނެ ކަމަށެވެ. އަދި 5 މަހާއި ބައިން ކުދިންނަށް ކާންދިނުން ރަނގަޅު ނަމަވެސް އެއަށްވުރެ ކުރިން ތުއްތު ކުދިންނަށް ކާންދިނުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށް ޑރ. ވަނީ ވިދާޅުވެފައެވެ. އަދި ރަނގަޅަށް ތުއްތު ކުއްޖާއަށް ގާތުން ދެވޭނަމަ ހަމަސް ވަންދެން ދަރިފުޅަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ލިބޭނެ ކަމަށް ޑރ. ވިދާޅުވިއެވެ. އެހެންކަމުން ހަ މަސް ވަންދެން ދަރިފުޅަށް ހަމައެކަނި މައިމީހާގެ ކިރު ދިނުން މުހިންމެވެ.
3. 6 މަހުން ފެށިގެން އަހަރު ވަންދެން ތުއްތު ކުއްޖާއަށް ކާން ނުދޭންވީ ކޮން ކާނާތަކެއް؟
އަހަރު ނުވާ ކުދިންނަށް ހަކުރާއި ލޮނު ދިނުމަކީ ރަނގަޅު ކަމެއް ނޫންކަން ފާހަގަ ކުރައްވާ ޑރ. ވިދާޅުވީ ތުއްތު ކުދިންނަށް އެލާޖިކްވާ ތަކެއްޗާ މެދުވެސް ބެލެނިވެރިން ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން އެކުދިންނަށް އާ ބާވަތެއް ކާންދޭ ނަމައީ އެކަންކަމަށް ވިސްނައިގެން ކާންދިނުމަށް ޑރ. ފައިސަލް އިރުޝާދު ދެއްވިއެވެ.
އެގޮތުން އެކި ބާވަތުގެ ނަޓްސް (ބަދަން) ފަދަ ކާނާއަކީ ގިނަ ކުދިން އެލާޖިކްވާ ތަކެތި ކަމުން މިފަދަ ތަކެތި ދިނުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ޑރ. ލަފާ ދެއްވިއެވެ. އަދި ހަމައެހެންމެ ހުރިހާ ބާވަތެއްގެ ކާނާ ނުވަތަ ބެލެންސް ޑައިޓެއް ދިނުމަކީ މުހިންމު ކަމެއް ކަމަށާއި ދަރިފުޅު ހެދިބޮޑުވުމަށް ހުރިހާ ބާވަތެއްގެ ކާނާ ދިނުމަކީ މުހިންމު ކަމެއްކަން ޑރ. ވިދާޅުވިއެވެ. އެގޮތުން ކާބޯހައިޑްރޭޓްސް އާއި ފެޓްސް އެންޑް އޮއިލް އާއި ވިޓަމިންސް އާއި ފެން އަދި ޕްރޮޓީންސް ފަދަ މާއްދާތައް އެކުލެވޭ ކާނާ ދިނުމަކީ މުހިންމު ކަމެކެވެ.
ކާންދޭ ވަގުތަކީ ތުއްތު ކުއްޖާއާއި މައިމީހާއަށްވެސް މުހިންމު ވަގުތެއްކަން ފާހަގަ ކުރައްވާ ޑރ. އިތުރަށް ވިދާޅުވީ ފޯނު ފަދަ އިލެކްޓްރޯނިކް ޑިވައިސަސްތައް ކާ ވަގުތު ދެއްކުމަކީ އޭގެ ސަބަބުން ކުއްޖާއަށް ނޭދެވޭ އެތައް އަސަރެއް ކުރާނެ ނުރަނގަޅު އަމަލެއް ކަމަށެވެ. އެހެން ކަމުން އެފަދަ ތަކެތިން ކުދިން ވީހާވެސް ބޮޑަށް ދުރުކުރުވުމަށް ޑރ. ވަނީ އިރުޝާދު ދެއްވާފައެވެ. މީގެ އިތުރުންވެސް ކުއްޖާ ފަހަތުން ދުވެގެން ކާންދިނުމުގެ ބަދަލުގައި ތަނެއްގައި ބައިންދައިގެން ކާންދިނުމަށް ޑރ. ބާރު އެޅުއްވިއެވެ. މިކަންކަމުގެ ބަދަލުގައި ކާންދޭ ވަގުތުގައި ދަރިފުޅާ މުހާތަބުކޮށް ވާހަކަ ދެއްކުމުން ކުއްޖާއަށްވެސް އޭގެން ރަނގަޅު އަސަރުތަކެއް ކުރާ ކަމަށާއި އެގޮތުން ދެ މައިންގެ ގުޅުން ބަދަހިވެ ކުއްޖާއަށް ވާހަކަ ދައްކަންވެސް ފަސޭހަ ވެގެންދާ ކަމަށް ޑރ. ވިދާޅުވިއެވެ.
4. ސްޕީޗް ޑިލޭ ދިމާވަނީ ކިހިނެއް؟
މިހާރަކަށް އައިސް ތުއްތު ކުދިންނަށް ދިމާވާ އެންމެ އާންމު އެއް މައްސަލައަކީ ސްޕީޗް ޑިލޭ ނުވަތަ ވާހަ ދެއްކުން ފަށައިގަތުން ލަސްވާ މައްސަލަތަކެވެ. ރާއްޖޭގައިވެސް މިއީ އާންމު މައްސަލައެކެވެ. އެކަމާ ގުޅިގެން ޑރ. ވިދާޅުވީ ސްކްރީން އަށް ކުދިން ދޯޅު ކުރުމަކީ އެކަމުގެ އެއް ސަބަބު ކަމަށެވެ. އޭގެ ބަދަލުގައި ގޭގައި އުޅޭ މީހުންގެ އިތުރުން މައިންބަފައިންވެސް އެކުދިންނާ ވާހަކަ ދައްކާ ހެދުމަކީ އެކަންކަން ރަނގަޅު ކުރެވޭނެ ކަމެއް ކަމަށެވެ. އަދި މިޒަމާނަށް ބަލާއިރު މީހުންނާ ވާހަކަ ދައްކާނެ ފުރުސަތު ކުދިންނަށް ނުލިބޭ ކަމަށާއި އެހެންކަމުން އެ ފުރުސަތުތައް ގޭތެރެއިން ހޯދާ ދިނުމަށް ލަފާ ދެއްވިއެވެ.
ކަންފަތުގެ އަޑު އިވުމުގެ މައްސަލައަކުންވެސް ވާހަކަ ދެއްކުން ލަސްވެދާނެކަން ފާހަގަ ކުރައްވާ ޑރ. ފައިސަލް އިރުޝާދު ދެއްވީ އެފަދަ ކަމެއް ފާހަގަވާނަމަ ހިއަރިންގް ޓެސްޓު ހަދާ ޔަގީން ކުރުމަށެވެ. އަދި މިކަހަލަ އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަވާ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ޑރ. ވިދާޅުވިއެވެ.
ވާހަކަ ދެއްކުން ލަސްވުމަކީ އޯޓިޒަމްގެ ސިފައެއް ނަމަވެސް ވާހަކަ ދެއްކުން ލަސްވާ ކޮންމެ ކުއްޖަކީ އޯޓިސްޓިކް ކުއްޖެއް ނޫން ކަމަށް ޑރ. ވިދާޅުވިއެވެ. ދަރިފުޅަކީ އޯޓިސްޓިކް ކުއްޖެއްތޯ ދެނެގަތުމަށް ކްރައިޓީރިއާ ތަކެއް ހުންނާނެކަމަށާއި އެކަން ކުރާނީ ސްކްރީނިންގް ސިސްޓަމެއްގެ ދަށުންނެވެ. އޯޓިސްޓިކް ކުދިންގެ ފަރާތުން ފެނިދާނެ ބައެއް ސިފަތައް ޑރ ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ވަކި ކަހަލަ އަޑުތަކަކަށް ކުއްޖާ ބިރުގަނެ، ކަޅި ހަމަނުކޮށް ބެލުމާއި ބައެއް ކަހަލަ ކަންކަން ވުމުން ކުއްޖާއަށް އޭގެން އުނދަގޫވާ ކަންކަން ހިމެނެއެވެ. ނަމަވެސް މިއިން ކަންކަން ދިމާވާ ކޮންމެ ކުއްޖަކީ އޯތިސްޓިކް ކުއްޖެއް ނޫންކަމަށާއި އެކަން ޔަގީން ކުރުމަށް ސްކްރީނިންގް ހެދުން މުހިންު ކަމަށް ޑރ. ވިދާޅުވިއެވެ.
5. ތުއްތު ކުދިންގެ ދަތްތައް ހަލާކުވުމާއި މާބަނޑު ދުވަސްވަރު މަންމަ ކާ ކެލްޝިއަމްއާ ގުޅުމެއްވޭ؟
ޅަ އުމުރުން ފެށިގެން ކުދިންގެ ދައްތައް ހަލާކުވުމުގެ މައްސަލައަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އޭގެ ތެރޭގައި ދަތް ފަނިކައި ދަތްތައް ގިރުން ފަދަ މައްސަލަތައް ފާހަގަ ކުރެވެއެވެ. މިއީ މަންމަ މާބަނޑު ދުވަސްވަރު ކާ ބޭހާ ގުޅުމެއްވާ ކަމެއް ކަމަށް ބައެއް މީހުން ތުހުމަތު ކުރި ނަމަވެސް އެކަން ދިމާވަނީ ކެލްޝިއަމް ބޭހުން ނޫން ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
އެފަދަ މައްސަލަތައް ދިމާވަނީ ދަތްތައް ބަލަހައްޓަންޖެހޭ މިންވަރަށް ނުބެލި އަދި ކުދިންނަށް ގިނައިން ހަކުރު އެކުލެވޭ ކާނާ ދިނުމުގެ ސަބަބުން ކަމަށް ޑރ. ވިދާޅުވިއެވެ. އެގޮތުން ތުއްތު ކުދިންނަށް މެޓައާއި ޗޮކްލެޓް އަދި ގިނައިން ހަކުރު އެކުލެވޭ ޖޫސް އަދި ކިރުގެ ބާވަތްތައް ދިނުމުގައި ބެލެނިވެރިން ސަމާލުކަން ދިނުމަށް ޑރ. ފައިސަލް ވަނީ އިރުޝާދު ދެއްވާފައެވެ.
މިއީ މުޖްތަމައުގެ ތެރޭގައި އާންމު ކަންކަމަށްވާއިރު މިކަންކަން ހައްލު ކުރުމަށް ބެލެނިވެރިންގެ ދައުރު ނުހަނު ބޮޑެވެ. އަދި ތުއްތު ކުދިންގެ ވަށައިގެން އުޅޭ އެންމެންވެސް މިކަންކަމަށް ސަމާލުކަންދީ އެކުގައި މިކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުން މުހިންމެވެ. މިފަދަ ނޭދެވޭ ކަންކަން ގުޅުފައިވަނީ އެކުދިންގެ ހެދިބޮޑުވުމާ ކަމުން މިކަންކަމަށް ނުހަނު ސަމާލުކަން ދޭން ޖެހެއެވެ. އެހެންކަމުން ޑރ. ފައިސަލްގެ މި އިރުޝާދު ތަކަކީ މިކަންކަން ބަދަލު ކުރުމަށް އެހީއެކެވެ.