މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ ބާއްވަން ތާވަލުކޮށްފައި ވަނީ ފެބްރުވަރީ 3 ވަނަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

އެޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަން ޖެހޭ ރިޔާސީ ބަޔާން އިއްވެވުމެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނާގޮތުން ކޮންމެ އަހަރަކު، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވާ، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެނެވެ.

ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅާފައެވެ.

މިދިޔަ އަހަރު މަޖިލިހުގެ މަސައްކަތްތައް ނިންމައި ޗުއްޓީއަށް ގޮސްފައި ވަނީ ނޮވެމްބަރު 29، ގައެވެ.