ހުޅުމާލޭގައި ފެރީ ޓާމިނަލް ހުންނަ ސަރަހައްދު ތޮށިގަނޑުން ބޭރަށް ސައިކަލެއް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ވައިރަލް ވަމުން އަންނަ ވީޑިއޯއިން ފެންނަނީ ނޫކުލައިގެ "މޫވް" ބްރޭންޑްގެ ސައިކަލެއްގައި ފިރިހެނަކުް ދުއްވާފައި ގޮސް ތޮށިގަނޑު މައްޗަށް މަޑު ކުރާ މަންޒަރެވެ. އަދި ސަކަލުން ފޭބުމަށް ފަހު ހުންގާނުގައި ހިފާ އެ ސައިކަލު ތޮށިގަނޑުން ބޭރަށް، މޫދަށް އޭނާ ވައްޓާލައެވެ. އެއަށްފަހު އޭނާ އެއްގަމާ ދިމާލަށް ހިނގައިގަންނަ ތަން ފެނެއެވެ.

ސައިކަލު ވައްޓާލަން ތޮށިގަނޑާ ދިމާލަށް ދާ މަންޒަރުގެ ސްކްރީން ޝޮޓެއް

އެ ފިރިހެން މީހާ އެ ސައިކަލު މޫދަށް ވައްޓާލާ މަންޒަރު ވީޑިއޯ ކޮށްފައި ވަނީ އެތަން ބަލަން ދުރުގައި ހުންނަ މީހެއް ކަން އެނގެއެވެ.

އެ ވީޑިއޯގެ މަންޒަރު ނުސާފު ކަމުން އެ ސައިކަލުގެ ނަންބަރު ސާފެއް ނުވެއެވެ. އަދި އެކަން ކުރާ މީހާގެ މޫނު ވެސް ސާފުކޮށް ނުފެނެއެވެ. ހަމައެއާއެކު އެ ވީޑިއޯގެ އަޑު ކަނޑާފައި ވުމުން އެ ތަނުގައި ދެކެވޭ ވާހަކައެއް ނުވަތަ އެއްވެސް އަޑެއް އިވޭ ގޮތެއް ނުވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުން ކަމަށެވެ. އަދި މޫދަށް ވައްޓާލި ސައިކަލު ނެގުމުގެ މަސައްކަތް މެރިން ޕޮލިހާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.