ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކޮވިޑް ޖެހިއްޖެއެވެ. ރައީސް ވިދާޅުވީ، އެކަން އެނގިވަޑައިގަތީ، ރޭ ހެއްދެވި ޕީސީއާރު ޓެސްޓުން ކަމަށެވެ.

ރައީސް ސޯލިހަށް ކޮވިޑް ޖެހިފާ ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިންނަށް މިއަދު ފޯކައިދޫއަށް ވަޑައިގަންނަވަން ހަމަޖެހިފާ ވަނިކޮށެވެ. އެ ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވަޑައިގަންނަވަން ނިންމަވައިފައި ވާއިރު، މިރޭ އެ ރަށުގައި ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަޅުގަނޑު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ، އެކަން އެނގުނީ އަތޮޅުތެރެއަށް ދަތުރުކުރުމަށް ރޭގަ ޕީސީއާރް ހެދުމުން. މާތް ﷲގެ ރަހުމަތްފުޅުން ހާލު ރަނގަޅު. މިވަގުތު މިހިރީ ގޭގައި އެކަހެރިވެގެން.
ރައީސް ސޯލިހު

ރާޝިދުގެ ކެމްޕެއިންގައި ފޯކައިދޫގައި ބާއްވާ ޖަލްސާގައި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވާއިރު، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށް ފަހު ދެ ރައީސުން އެއްތަނަކުން މިފަދަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަން ނިންމެވި ފުރަތަމަ ދަތުރުގައި ރައީސް ސޯލިހަށް މިހާރު ބައިވެރިވެވަޑައި ނުގެންނެވޭނެއެވެ.

ރައީސް ސޯލިހު ރޭ ޕޮޒިޓިވް ވި އިރު އުމުރުފުޅުން 77 އަހަރުގެ ރައީސް ސޯލިހުގެ މަންމާފުޅު މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެ ވަނީ ފަރުވާ ހޯއްދަވާފައެވެ. އަދި ރައީސްްގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަށް ވެސް ކޮވިޑް ޖެހިވަޑައިގެން މިދިޔަ އަހަރުގެ އޭޕްރީލްގައި ވަނީ ފަރުވާ ހޯއްދަވާފައެވެ. ފަޒްނާއާއެކު އެކަމަނާގެ ކޮއްކޮ ނަޒީހާ އަހްމަދާއި އޭނާގެ ފިރިކަލުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވެސް ކޮވިޑް ޖެހުނެވެ.

ރައީސް ސޯލިހުގެ އާއިލާގެ ބޭފުޅުން އޭރު ޕޮޒިޓިވް ވި ނަމަވެސް ރައީސް އާއި އެ ދެކަނބަލުންގެ ދެ ބޭފުޅުން، ސަރާ ސޯލިހް އަދި ޔަމާން ސޯލިހް އޭރު ޕޮޒިޓިވް އެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު އިއްޔެ މިބައްޔަށް ވަނީ 1697 މީހުން ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭން ޕޮޒިޓިވްވި 677 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 680 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 60 މީހެކެވެ.