ޕިކްނިކް ދިއުމަށާއި އިގްތިސާދީ މަސައްކަތްތަކެއް ކުރުމަށް، ޅ. ނައިފަރުގެ އިހުތިސާސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ ޅ. ވޭވަށް ހިމަނައިދޭން ސަރުކާރުގައި އެދެން ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

ނައިފަރުގެ ދެކުނުން އެ ރަށާ ވަރަށް ގާތުގައި އޮންނަ ވޭވަށަކީ ވަރަށް ކުޑަކުޑަ ފަޅު ރަށެކެވެ.

ނައިފަރު ކައުންސިލްގެ ގަރާރުގައި ބުނެފައިވަނީ ނައިފަރަކީ އާބާދީ ބޮޑު އަދި ބިން ކުޑަ ރަށަކަށް ވުމުން ރައްޔިތުންނަށް އިގްތިސޯދީ މަސައްކަތް ކުރުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި ރައްޔިތުންގެ ހިތްހަމަޖެހުމަށް ބޭނުންކޮށްލާނެ ބީޗެއް ވެސް ނައިފަރުގައި ނެތް ކަމަށެވެ. އަދި ނައިފަރުގެ ބިން ބޭނުންކޮށްގެން ކައުންސިލަށް ވެސް އާމްދަނީ ހޯދުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ.

ނައިފަރު ކައުންސިލްގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ވޭވަށް، ކައުންސިލާ ހަވާލުކޮށްފިނަމަ އެ ރަށް ހަލާކުވުމަށް ފުރުސަތު ނުދީ ރަަށް ރަނގަޅަށް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.

އެ ގަރާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާފައިވަނީ ނައިފަރު ކައުންސިލްގެ އިހްތިސާސްގައި ވީހާވެސް އަވަހަށް ވޭވަށް ހިމަނުއްވައިދީ އެ ރަށުގެ ބިމުން ނައިފަރު ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމަށް އިލްތިމާސް ކޮށްފައިވަނީ އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސްދިނުމަށެވެ.

ނައިފަރު ކައުންސިލުން މިފަދަ ގަރާރެއް ފާސްކޮށްފައިވާއިރު، މިދިޔަ އަހަރު ހއ. ފިއްލަދޫގެ މީހުން އެ ރަށުގެ އިހުތިސާސްގެ ތެރޭގައި ދައްޕަރު ހިމަނައިދޭން ސަރުކާރުގައި އެދި ޕެޓިޝަން ހުށައަޅާ އެކަން ވަނީ ކާމިޔާބުކޮށްފައެވެ.