ޅ. ނައިފަރު ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ޖަމްޝީދު އެ ރަށަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ޖަމްޝީދުގެ އަރިހުގައި ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ދަތުރުފުޅުގައި މަޝްރޫއުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާއި، މަސައްކަތުގެ ފެންވަރު ވަނީ ވަރަށް ގާތުން ބައްލަވާލައްވާފައެވެ.

މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތުގެ 95 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ. އަދި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ޖަހާ ރެވެޓްމަންޓްގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް މިހާރު ވަނީ ނައިފަރަށް ގެންދެވިފައެވެ. މިހާރު ކުރިއަށްދަނީ ރެވެޓްމަންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތްތަކެވެ.

މުޅި މަޝްރޫއުގެ ޖުމްލަ 70 ޕަސެންޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދަނީ ތާވަލުކުރެވިފައިވާ މުއްދަތަށްވުރެ އަވަހަށެވެ. ނައިފަރުގެ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއަކީ އެ ރަށުގެ ރައްޔިތުންނަށް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ބޮޑެތި މަންފާތަކެއް ކުރާނެ މުހިންމު މަޝްރޫއެކެވެ.

ޅ. ނައިފަރު ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ޑީއެމްޑީ އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 44.80 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތުގެ ތެރެއިން 1813 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން 803 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.

މި މަޝްރޫއަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޖުމްލަ 679.03 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. މި މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 630 ދުވަހުގެ މުއްދަތެކެވެ.