މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއް ދިޔަވެ، އޭގެން ދަތުރުކުރި ފަސް މީހަކު ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވެގެން އަޑިއަށް ގޮސްފައިވީ ނަމަވެސް އޭގެން ދަތުރުކުރި ފަސް މީހުން ވެސް ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން މިހާރު ނައިފަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.
ނައިފަރު ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ހާދިސާ ދިމާވި 5 ފަޅުވެރިންވެސް މިވަގުތު ތިބީ ހޮސްޕިޓަލުގެ އޮބްޒަވޭޝަންގެ ދަށުގައެވެ. އެއީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ. އަދި އެ ހާދިސާގެ އަސަރު އެކަކަށް ވަރަށް ބޮޑަށް ކުރިމަތިވި ނަމަވެސް ފިޒިކަލް މާބޮޑެތި އަނިޔާތަނެއް ލިބިފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން މި ނޫހަށް ވަނީ މައުލޫމާތު ދީފައެވެ.
ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލެއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓިއެއް ވެސް ރޭ ވަނީ ބަންޑުން ޖަހާލައިފައެވެ.
ރީތިރަށް ރިސޯޓު ކައިރީ އޮންނަ ކ.އެރިޔަދޫ އަށް ދަތުރު ކުރަމުންދިޔަ މި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލިއިރު އެ ކޮޅުވެއްޓިން 7 މީހަކު ދަތުރު ކުރިއެވެ. އޭގެ ތެރެއިން ހަތަރު މީހުން ސަލާމަތްކުރިއިރު އަނެއް ތިން މީހުން ގެއްލިގެން ހޯދަމުންދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި އަނެއް މީހާވެސް ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށްދާ ކަމަށް މައުލޫމާތު ދެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ކެނޑިނޭޅި އިރުޝާދު ދެމުންނެވެ.