ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ، އޭޑީކޭ ހޮސްޕިޓަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި އޭޑީކޭއިން ބުނީ، ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ، އާންމުންނާއި ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.

އެއާއެކު، އޭޑީކޭއިން ވަނީ ކޮވިޑުން އަރައިގަތުމަށްޓަކައި ހުރިހާ އެންމެން އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އޭޑީކޭއިން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި:

  • ކޮންމެހެން އަންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނައުން
  • ހޮސްޕިޓަލަށް އަންނަން ޖެހިއްޖެ ހާލަތެއްގައި އެކަނި އައުން
  • ނުވަތަ އެހީތެރިއަކާ އެކު އަންނަ ނަމަ، އެކަކަށް ވުރެ ގިނަ މީހުން ނުގެނައުން
  • ހޮސްޕިޓަލުން ހިދުމަތް ހޯދަން އަންނަ އިރު އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވުން

އޭޑީކޭގައި އެޑްމިޓުކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތްކުރުން މާދަމާއިން ފެށިގެން މެދުކަނޑާލާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެހެންކަމުން، ބަލި މީހުން ކައިރީގައި މަޑުކުރެވޭނީ ކޮވިޑުގެ އަލާމާތެއް ނެތް މީހަކަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.