ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ހިދުމަތްތައް އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އޭޑީކޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިދިޔަ ބުރާސްފަތު ދުވަހު ސޮއި ކުރި މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝިއުރީއެވެ. އަދި އޭޑީކޭގެ ފަރާތުން ސޮއި ކުރެއްވީ އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް އެވެ.
މި އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މަތީ ފެންވަރުގެ ބޭސްފަރުވާގެ ހިދުމަތް ދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މެޑިކަލް ޓުއަރިޒަމްގެ ހިއްސާ އިތުރުވެ، ބައިނަލްއަގްވާމީ ފަތުރުވެރިންނަށް ހާއްސަ ސިއްހީ ވަސީލަތްތައް ލިބިގެންދާނެކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
މިއީ ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތައް ފޯރުކޮށްދީ، ރާއްޖޭގެ ބައިނަލްއަޤްވާމީ ޕްރޮފައިލް މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިފައިވާ ކަމެކެވެ.
މި ޕާޓްނާޝިޕްގެ ވަކިވަކި ބައިތަކާއި، އޭގެ ތަފްސީލުތައް، މަސައްކަތްތައް ކުރިއަށްދާ ވަރަކަށް ހިއްސާ ކުރާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ. އަދި ރާއްޖޭގެ މެޑިކަލް ޓުއަރިޒަމް ލޭންޑްސްކޭޕް ހަރުދަނާ ކުރުމަށް ހަމަޖެހިފައިވާއިރު މިފަދަ ހަރަކާތްތަކުގެ ތެރެއިން އެމްއެމްޕީއާރުސީން ރާއްޖެ އަކީ ދަތުރުވެރިންގެ ތަފާތު ބޭނުންތައް ފުއްދައިދޭ މަންޒިލެއްގެ ގޮތުގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަކީ “މޯލްޑިވްސް” ބްރޭންޑާއި “މޯލްޑިވްސް... ދަ ސަނީ ސައިޑް އޮފް ލައިފް” ޝިއާރުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކަނޑައަޅާފައިވާ ދައުލަތުގެ ކުންފުންޏަކަށްވާއިރު އެމްއެމްޕީއާރުސީއިން އިންޓަގްރޭޓެޑް 360 ޑިގްރީ މާކެޓިން އެޕްރޯޗަކާއެކު ދުނިޔޭގެ މާކެޓްތަކުގައި ރާއްޖެ ހީވާގިކަމާއެކު މާކެޓްކުރާއިރު، ދުނިޔޭގެ މުހިންމު 15 މާކެޓެއްގައި ޕީއާރު އަދި ޓްރޭޑް ރެޕްރެޒެންޓޭޝަން ވަނީ އައްޔަންކޮށްފައެވެ.