ލ. މާވަށު ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ނިންމާ، ޓެސްޓު ކޮށްފިއެވެ.

ޕްލެނީން މިނިސްޓްރީން ބުނީ މާވަށު ފެނުގެ ނިޒާމްގެ މަސައްކަތް ނިންމާ، ޓެސްޓްކޮށް ކަމިޝަންކޮށްފައި ވަނީ މިމަހު 19 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއަކީ 21 މިލިއަން ރުފިޔާއަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައި ވާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މާވަށު ފެނުގެ ނިޒާމް ގާއިމް ކުރަން އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ މަސައްކަތްތައް ހަވާލު ކުރީ ދެ އަހަރު ދުވަހު ނިންމާ ގޮތަށެވެ.

މިދިޔަ މަހުގެ ތެރޭގައި މިނިސްޓްރީން ވަނީ ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމު އަޅަން ހަވާލު ނުކޮށް ހުރި ހުރިހާ ރަށެއްގައި އެ މަޝްރޫއުތައް ފަށަން ކުންފުނިތަކާ މިއަދު ހަވާލު ކޮށްފައެވެ. މިގޮތުން 23 ރަށެއްގެ ފެނުގެ ނިޒާމު ގާއިމް ކުރަން ވަނީ ހަވާލުކޮށްފައެވެ.