މުވައްޒަފުން އުފުލުމަށް ބޭނުންކުރާ ކުޑަ ވެހިކަލެއް އެކްސިޑެންޓުވެ، އެމްއޭސީއެލްގެ މުވައްޒަފުން ތަކަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އޭޕްރަން މަތީގައެވެ. މި ހާދިސާ ހިނގިގޮތުގެ ވީޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އެއާޕޯޓު އޮޕަރޭޝަންގައި ބޭނުންކުރާ ރޭމްޕް ވެހިކަލެއް ކޮންޓްރޯލުން ނުވެގެން ގޮސް ހޮޅި ދަނޑިއެއްގައި ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި މުވައްޒަފުންގެ ތަފްސީލެއްް އަދި ނުލިބެއެވެ. ނަމަވެސް 2 މީހަކަށް އަނިޔާވިކަން ވަނީ އެނގިފައެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ސަރަހައްދުގައި އެމްއޭސީއެލްގެ ބައެއް މުވައްޒަފުން ދަނީ ހަރަކާތްތެރި ވަމުންނެވެ.