ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން، އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި 4 މީހުންގެ ހުކުމް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާގޭގެ ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލްގެ 23 ވަނަ ދުވަހުގެ ރޭގައެވެ. އެ މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށް، އެ ހަ މީހުންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ. އެ ހަ މީހުންނަކީ:
- އިސްމާއީލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ
- އަހުމަދު ޒިހާން، މ. އިރާސްމިކް
- މުހައްމަދު ދިފްރާން، ސިންދަބާދުގެ / ގދ. ގައްދޫ
- ހަސަން ޝިފާޒު، މ. ކުދެހިގެ
- އިސްމާއީލް ރަޝީދު، މ. ތާއިފް
- ހުސައިން ޒިޔާދު، އީސްޓް / މ. ކޮޅުފުށި
މިއަދު ނެރުނު ނޫސްބަޔާނެއްގައި ޕީޖީ އޮފީހުން ބުނީ، ޒިހާނަށާއި ހައިޝަމަކީ ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި، އެ އަމަލު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުން ކަމަށްވާތީ، އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމަކީ އެ މައްސަލާގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ހަމަ އެއާއެކު، އެ މައްސަލާގައި ދެން ހިމެނޭ ދިފްރާނާއި، ޝިފާޒާއި، އިސްމާއީލްގެ އިތުރުން، ޒިޔާދަކީ ޔާމީން މަރާލުމަށް ރޭވުމުގައްޔާއި، އެ ރޭވުންތައް ތަންފީޒު ކުރުމަށްޓަކައި އެކި މިންވަރަށް ބައިވެރިވެފައިވާ މީހުންކަން ސާބިތުކުރެވޭ މިންވަރަށް ހެކި އެބަހުރި ކަމަށްވެސް ޕީޖީން ބުންޏެވެ.
އެހެންކަމުން، އެ ހަތަރު މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާތީ، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ވިސްނަމުންދާ ކަމަށާއި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ލިބުމުން އެ ރިޕޯޓު ދިރާސާކރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީން ބުންޏެވެ.
ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ޒިހާނާއި ހައިޝަމްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވުމުން، އެ ދެ މީހުން އުމުރަށް ޖަލަށް ލައި، މަރުގެ ދިޔައިގެ ގޮތުގައި އެ ދެ މީހުންގެ ތެރެއިން ކޮންމެ މީހަކު 1.3 މިލިއަން ރުފިޔާ ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ ހުކުމްކޮށްފައެވެ.