އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ކޮންމެ ފަދަ ގުރުބާނީއެއްވެސް ވެވަޑައިގަތުމަށް ތައްޔާރު ކަމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ޔޫތު ޕާލިމެންޓުގައި ތަގުރީރު ކުރެއްވުމަށް މިވަގުތު ކޮލަމްބޯއަށް ވަޑައިގެން ހުންނަވައި "ދަ ހިންދޫ" އަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ، ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން، ރާއްޖޭގައި ޑިމޮކްރަސީ ނެގެހެއްޓުމަށްޓަކައި ވެރިކަމުގައި އެމްޑީޕީ އޮތުން މުހިންމު ކަމަށާއި، އެމްޑީޕީއަށް ވެރިކަން ހޯއްދަވައިދެއްވުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރިން ރައީސްކަންވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވީ، އަދިވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. އެހެންނަމަވެސް، މުހިންމީ އެމްޑީޕީއަށް ވެރިކަން ހޯދައިދިނުން ކަމަށާ، ކޮންމެ ކެންޑިޑޭޓެއް ނެރެން ޖެހުނު ނަމަވެސް އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ނަޝީދު ވަނީ ތައުރީފް ކުރައްވާފައެވެ.

އެހެންނަމަވެސް ނަޝީދު ވިދާޅުވީ، ދެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ވާދަކުރައްވާ މަންޒަރެއް ފެނިވަޑައިނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެން ދެމީހުން އެކަކު އަނެކަކާ ކުރިމަތިލާތަނެއް. އަޅުގަނޑު ވެސް ހީއެއް ނުކުރަން އެ ބޭފުޅާވެސް [ރައީސް] އެކަމަށް އެދޭނެ ކަމަކަށް."
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

"އަޅުގަނޑުމެންނަށް އިތުރު ދައުރެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް. އެއީ އަޅުގަނޑަށް އެންމެ މުހިންމު ކަންތައް." ނަޝީދު ވިދާޅުވިއެވެ.