ޑިސެމްބަރު މަހުން ދުވަހެކެވެ. އުމުރުން 18 އަހަރުގެ އޭ އެޗް އަލްމާސްއާއި އޭނާގެ 2 އެކުވެރިން ކުލާހަށް ވަންނަން ދިއުމުން ފުރަތަމަވެސް ޓީޗަރު ލަވައިގަތީ ހަޅޭކެވެ. "ހަމަ މިހާރު" ނިކުންނާށޭ ބުނެ، ކުލާހަށް ނުވަނުމަށް އަމުރު ކުރިއެވެ.

ކުލާސް ތެރޭގައި ތިބެގެން ތައުލީމު ހާސިލު ކުރުމަށް، މުސްލިމު ދަރިވަރުންނަށް މުދައްރިސް ހުރަސް އެޅި، އެކުދިން ބުރުގާ އަޅައިގެން ތިބީމައެވެ.

ބައިނަލްއަގުވާމީ ހަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ އަލްޖަޒީރާއާ ވާހަކަދައްކަމުން އަލްމާސް ވަނީ، ބުރުގާ އަޅައިގެން ކުލާހަށް ނުވަދެވޭނެ ކަމަށް ޓީޗަރު އެންގި ކަމަށް ބުނެފައެވެ. އަދި ބުރުގާ ބޭލުމަށްވެސް އެ އަންހެން ޓީޗަރު އެންގި ކަމަށް އަލްމާސް ބުނެފައިވެއެވެ.

ބުރުގާ އަޅައިގެން ކުލާހަށް ހާޒިރުވުން މަނާ ކޮށްފައި ވާ ކޮލެޖުގެ ދަރިވަރުން އިދާރާގައި / ފޮޓޯ: އަލްޖަޒީރާ

މިކަމެއް ހިނގީ، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން، ކަރުނާޓަކާ ސްޓޭޓްގައި ހިންގަމުން އަންނަ އަންހެނުންގެ ކޮލެޖެއްގައެވެ. ބުރުގާ އަޅައިގެން އެ ކޮލެޖަށް ދާ، 6 އަންހެން ކުއްޖަކަށް މަޖުބޫރުވެފައި ވަނީ ކުލާހުން ބޭރުގައި މަޑު ކުރުމަށެވެ. ސަބަބަކަށް ވަނީ، އިދާރީ ގޮތުން ހުއްދަ ދީފައި ވާ ޔުނީފޯމްގައި ބުރުގާ ހިމަނާފައި ނުވުން ކަމަށް ވެއެވެ.

އެ ދަރިވަރުންގެ ބުރުގާ ބޭލުވުމަށް ކޮލެޖުގެ އިދާރާއިން މިހާތަނަށް ޖެހި ހުރިހާ މަޅިއަކުން އެ ޒުވާނުން ދަނީ ސަލާމަތް ހޯދަމުންނެވެ. އެ ފިއްތުންތަކަށް ޖެހިލުމެއް ނެތި ކުރިމަތިލަމުންނެވެ. ދީނުގެ ތެރެއިން އަދާ ކުރަން ޖެހޭ ޒިންމާތަކަށް ފަސްޖެހުމެއް ނެތިއެވެ.

ބުރުގާ އަޅައިގެން ކުލާހަށް ހާޒިރުވުން މަނާ ކޮށްފައި ވާ ކޮލެޖު / ފޮޓޯ: އަލްޖަޒީރާ

ކޮންމެ ދުވަހަކު، ގަވައިދުން ކޮލެޖަށް ދިޔަ ކަމުގައި ވީ ނަމަވެސް، ޑިސެމްބަރު 31، 2021 ވަނަ ދުވަހުން ފަށައިގެން އެ ކުދިންނަށް ހާޒިރީ ދީފައެއް ނުވެއެވެ. ހާޒިރީގައި އޮންނަނީ ކުލާހަށް ނާންނަ ކަމަށެވެ.

ބުރުގާ އަޅާތީ ކުލާހަށް ވަނުމުން މަހްރޫމް ވެފައިވާ އާލިޔާ އައްސަދީ ބުނީ، ދޫ ދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

އާލިޔާއާއި އަލްމާސް ފަދަ ކުދިންނަށް ކުލާހަށް ނުވަދެވި، ކޮލެޖުގެ ސިޑިބަރި މަތީގައި އިށީނދެގެން ތިބި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ވައިރަލް ވަމުންނެވެ. ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް މި މައްސަލަ ތިލަވީވެސް މި ފޮޓޯގެ ސަބަބުން ކަމަށް އާލިޔާ ބުންޏެވެ.

ކޮލެޖުގެ އިދާރާއާ ދެކޮޅަށް، މި ޒުވާނުން ކުރަމުން ދާ މުޒާހަރާ ވަރުގަދަ ކުރަމުން ދާއިރު، ކޮލެޖުންވެސް ދަނީ އިތުރު ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ކުލާސްތައް "މިސްވަނީ" އަމިއްލަ އިހުތިޔާރުގައި، ގޭގައި ހުންނާނީ ކަމަށް ބުނެ، ސިޓީ ލިޔެ، އެ ހުށަހެޅުމަށްވެސް އިދާރާއިން ވަނީ މަޖުބޫރު ކޮށްފައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށްވެ މަރުވި ފައިޒަންގެ އަޚެއް ކަމަށްވާ ނައީމު (ވ) އެ ވާހަކަތައް މިޑިއާއަށް ކިޔައިދެނީ/ފޮޓޯ: ބީބީސީ

"އަހަރަމެން އިންކާރު ކުރިން. އެކަމަކު ޕްރިންސިޕަލާ މުދައްރިސުން އަހަރަމެންނަށް ބިރު ދެއްކި. އަހަރަމެންގެ މުޅި ކެރިއާ ފުނޑުފުނޑު ކޮށްލާނެ ކަމުގެ އިންޒާރު ދިން" ބުރުގާ އަޅާތީ ކުލާހަށް ނުވައްދާ ހުރި މުސްކާން ޒައިނަބު، އަލްޖަޒީރާއަށް ބުނެފައިވެއެވެ.

ޒައިނަބު ބުނާ ގޮތުގައި، ކުލާހުން ބޭރުގައި އެމީހުން ތިބޭ މަންޒަރު މުޅި ދުނިޔެއަށް ފެނުނީތީ އުފާ ކުރާ ކަމަށެވެ. ނަމަވެސް އެއީ ތަހައްމަލު ކުރަން ފަސޭހަ ތަކުލީފެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

"ކުލާހުން ބޭރުގަ ތިބުމަކީވެސް ފަސޭހަ ކަމެއް ނޫން. އެހެން ދަރިވަރުންނާއި ޓީޗަރުން، އަހަރަމެންނަށް ފުރައްސާރަ ކުރޭ. ބުރުގާ ބޭލުމުގައި އޮތީ ކޮން މައްސަލައެއް ތޯ ސުވާލު ކުރޭ. ގަވައިދަށް ތަބާ ނުވެވެނީ ކީއްވެތޯ އެމީހުން، އަހަރަމެން ކުރެ އަހާ" އަލްމާސް ކިޔައިދިނެވެ.

މުސްލިމުންނަށް އަނިޔާކުރުމުގައި އިންޑިއާގެ އުއްތަރަޕްރަދޭޝް ސްޓޭޓްގެ ސަރުކާރު އޮތީ ހައްދުފަހަނައަޅާފަ/ފޮޓޯ: ގެޓީއިމޭޖަޒް

މި ފުރައްސާރަ ކުރުންތަކުގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމާވެސް ވަނީ ކުރިމަތިލާޏްޖެހިފައެވެ.

އަހަރީ އިމްތިހާނުގައި ބައިވެރިވުމަށްޓަކާ، ކުލާހުގެ ހާޒިރީއިން ވަކި ޕަސެންޓެއް ފުރިހަމަ ކުރަން ޖެހޭއިރު، ބުރުގާ އަޅާތީ ހާޒިރީ ނުދޭ މައްސަލައަކީވެސް އިންތިހާއަށް ބޮޑު ނުތަނަވަސް ކަމެކެވެ.

އަލްޖަޒީރާއިން ވަނީ ކޮލެޖުގެ ޕްރިންސިޕަލް، ރުދްރޭ ގޯވްދާއާވެސް ވާހަކަދައްކާފައެވެ. ޕްރިންސިޕަލްއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ބުރުގާ އަޅަން ހުއްދަ ނުދެވެނީ، ޔުނީފޯމްގެ ބަޔަކަށް ބުރުގާ ނުވާތީއެވެ. އަދި އެ ކޮލެޖުން އަމަލު ކުރަމުން ދަނީ ތައުލީމާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކަމަށްވެސް ޕްރިންސިޕަލާ ހަވާލާދީ އަލްޖަޒީރާއިން ބުނެއެވެ.

މިއީ އެ ކޮލުގައި އަލަށް ދިމާވި ކަމެއް ކަމަށް ޕްރިންސިޕަލް ތަސްވީރު ކޮށްދިން ނަމަވެސް، ކޮލެޖުގެ މުސްކުޅި ދަރިވަރުންގެ ވާހަކަ ތަފާތެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) އަދި ހޯމް މިނިސްޓަރު އަމީތު ޝާހް ސްމާޓްފޯނަކުން އެއްޗެއް ބައްލަވަނީ / ފޮޓޯ: ހިންދުސްތާން ޓައިމްސް

ކަރުނާޓަކާ މަނިޕާލް ޔުނިވަސިޓީގައި މިވަގުތު ކިޔަމުން އަންނަ އަތިއްޔާ ބުނި ގޮތުގައި ބުރުގާ އަޅައިގެން ކުލާހަށް އަންނަ ކުއްޖަކަށް، ކުލާހުގެ މެދުގައި، ތަޅުންގަނޑު މަތީގައި އިށީނުމަށް ޓީޗަރު އެންގިއެވެ. އަދި މަޖުބޫރުން ބުރުގާ ބޭލުވިއެވެ. ބުރުގާ އަޅަން ހިޔާރު ކުރި ކަމަށްޓަކާ އެތައް ފަހަރެއްގެ މަތިން ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް އަތިއްޔާ ބުނެއެވެ. ނަމަވެސް، އޭރު ބުރުގާ އަޅައިގެން އެ ކޮލެޖުގެ ކުލާސްތަކަށް ވަދެވޭ ކަމަށްވެސް އަތިއްޔާ ވަނީ ބުނެފައެވެ.

ބުރުގާ އެޅުމަކީ މިއަދު އިންޑިއާއަށް ހަޖަމް ކުރަން އެންމެ ދަތިވެފައިވާ އެއް ކަންތަކެވެ. ކޮލެޖުތަކުގައި ތައުލީމު ހާސިލު ކުރަމުން އަންނަ މުސްލިމު ދަރިވަރުންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް، ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ގާނޫނީ ވަކީލުންތަކެއްވެސް ވަނީ ސްޓޭޓް ސަރުކާރަށް މައްސަލަ ހުށަހަޅާފައެވެ. ދަރިވަރުންތަކަކަށް ފުރައްސާރަ ކުރަމުންދާ ކޮލެޖުގެ އިދާރާއާއި ޓީޗަރުންގެ މައްސަލަ ބަލައި ދިނުމަށް އެދިއެވެ. ތައުލީމާ ހާސިލު ކުރުމާއި ދީނުގެ ތެރެއިން ކަމެއް ހިޔާރު ކުރުމަށް މަޖުބޫރުކޮށް، ޒުވާން މުސްލިމުންތަކެއް ތައުލީމުން މަހްރޫމް ކުރުމަކީ އިންސާނީ ހައްގުތަކާ ގުޅިފައި ވާ މައްސަލައެއް ކަމަށް ވަކީލުން ބުނެއެވެ.

ޔަހޫދީ އިޒްރޭލުގެ ހުދުމުހުތާރު ބެންޖަމީން ނަތަންޔާހޫ (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ / ފޮޓޯ: ސީއެންއެން

ކޮލެޖުގެ ދަރިވަރުންގެ ޖަމިއްޔާއިންވެސް އޮފިޝަލުންނާ ބައްދަލު ކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް، އެދެވޭ އެއްވެސް ބަދަލެއް ފެނިފައެއް ނެތެވެ. ދަރިވަރުންގެ ޔޫނިއަނުން ތުހުމަތު ކުރާ ގޮތުގައި، ކޮލެޖުގެ އިދާރާ އޮތީ ސްޓޭޓް ސަރުކާރުގެ ޕްރެޝަރުގައި ފިތިފައެވެ.

ކަރުނާޓަކާ ސްޓޭޓް ސަރުކާރަކީ މޯދީގެ ބީޖޭޕީއިން ކޮންޓްރޯލް ކުރާ ސަރުކާރެކެވެ. ބީޖޭޕީއިން 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމާ ހަވާލު ވީ ފަހުން، މުސްލިމުންނާ ދެކޮޅަށް ހިންގާ އެކި ފެންވަރުގެ ޖަރީމާތަކާ، ކުރިމަތި ކުރާ ފުރައްސާރަ ކުރުންތައް ދަނީ އިތުރު ވަމުންނެވެ. އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގާފާނެ ކަމުގެ އިންޒާރުވެސް ދާއިރާގެ ތަޖުރިބާކާރަކު މިހާރު ވަނީ ދެއްވާފައެވެ.