ތޫނު އެއްޗަކުން ހަމަލަދީ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހުކުމް ކުރުންގެ އަޑުއެހުން މާދަމާއަށް ތާވަލް ކޮށްފިއެވެ.

މާދަމާ ޔާމީން ރަޝީދަށް ހުކުމްކުރުމުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ ހެނދުނު 10 ޖަހާއިރަށެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން 6 މީހުންގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ. އެ ހަ މީހުންނަކީ އިސްމާއީލް ރަޝީދު، މ. ތާއިފް، މުހައްމަދު ދިފްރާން، ސިންދުބާދުގެ / ގދ. ގައްދޫ، އިސްމާއީލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ. އަހުމަދު ޒިހާން އިސްމާއީލް، ހ. އިރާސްމިކުގެ، ހުސައިން ޒިޔާދު، އީސްޓް / މ. ކޮޅުފުށި އަދި ހަސަން ޝިފާޒް، މ. ކުދެހިމިއެވެ.

މިދިޔަ ޑިސެންބަަރު މަހުގެ 18 ވަނަ ދުވަހު ދެ ފަރާތުގެ ހުލާސާ ބަޔާން ވަނީ އިއްވާފައެވެ. އަދި ހުލާސާ ބަޔާން އިއްވާ ތާރީހުން ފެށިގެން 3 ދުވަހުގެ ތެރޭގައި ހުކުމްކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފާވެއެވެ. އެހެންކަމުން މިދިޔަ ޑިސެންބަރު މަހު ހުކުމްކުރުމަށް ނިންމި ނަމަވެސް ޔާމީންގެ އާއިލާގެ މީހެއްގެ ބަލި ހާލަތު ހުރިގޮތުން އަޑު އެހުމުގައި ބައިވެރިނުވެވޭނެތީވެ، ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އާއިލާއިން އެދިގެން ވަނީ ފަސްކޮށްފައެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާގޭގެ ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލްގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައި ވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ފަހުން ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ޔާމީން މަރާލާފައިވަނީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލަދީގެން ކަމަށް ވާއިރު، އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހެރުމުގެ އިތުރުން އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ވަނީ ދީފައެވެ.