ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ބޮޑުކުރުމުގެ ގޮތުން، ހަރަދު ކުޑަ ތިން މަތިންދާ ބޯޓެއް ގެންނަން ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު މިއަދު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމާ ގުޅޭ ގޮތުން އޭޓީއާރުން ބުނީ، މޯލްޑިވިއަނުން ގަންނަ ތިން ބޯޓުވެސް މި އަހަރުގެ ތެރޭ ޑެލިވާ ކުރާނެ ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރަނީ އޭޓީއާރު މަރުކާގެ 600-72 ގެ ދެ ބޯޓާއި 42-600 ގެ އެއް ބޯޓެވެ.

އެ ބޯޓުތަކާއެކު ތެލަށް ކުރާ ހޭދަ ތިން ޕަސެންޓު ކުޑަ ވާނެ ކަމަށާއި، ބޯޓުތަކުގެ އިންޖީނުގެ މެއިންޓަނެންސަށް ކުރާ ހަރަދު 20 ޕަސެންޓު ކުޑަ ވާނެ ކަމަށްވެސް އޭޓީއާރުން ބުންޏެވެ.

މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދާ ހަވާލާދީ، އޭޓީއާރުން ނެރުނު ބަޔާނުގައި ބުނީ، މިއީ މޯލްޑިވިއަންގެ ފްލީޓް ބޮޑު ކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އާ ބޯޓުތައް ބޭނުންކުރަން ފެށުމުން، ކުންފުނީގެ ހަރަދުތައް ކުޑަވެ، ފަސިންޖަރުންނަށް ފަސޭހަ ކަމާއެކު ހިދުމަތްތައް ދެވޭނެ ކަމަށް މިހާދު ވިދާޅުވިއެވެ.

އޭޓީއާރުގެ ސީއީއޯ ސްޓެފާނޯ ބޯޓޯލީ ވިދާޅުވީ، މޯލްޑިވިއަން އާ އެކު އެކުންފުނިން ވި އެއްބަސްވުމަކީ އޭވިއޭޝަން ދާއިރާގެ ކެރިފޯރުންތެރިކަން ދައްކުވައިދޭ ވަރުގަދަ ހެއްކެއް ކަމަށެވެ.

"އާ ކަސްޓަމަރެއްގެ ހައިސިއްޔަތުން މޯލްޑިވިއަންއަށް މަރުޙަބާ ކިޔަން، ރާއްޖޭގެ ފްލެގް ކެރިއާ ޒަމާނީކޮށް ފުޅާކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިއްސާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް." ބޯޓޯލީ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވަނީ، އެ އެއާލައިންގެ ބައެއް ބޯޓުތައް މަރާމާތު ކުރުމަށް ގްރައުންޑު ކޮށްފައި އޮތުމުން، ފަސިންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި އަމިއްލަ ބައެއް އެއާލައިންގެ ބޯޓުތައް ޗާޓަރުކޮށްފައެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު ހިމެނެނީ ޑޭޝް-8 މަރުކާގެ ދެ ބޯޓާއި އެއާބަސް މަރުކާގެ ދެ ބޯޓެވެ.