ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީއަށް އަމާޒުކޮށް އިއްޔެ ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އަބޫދާބީއަށް އަމާޒުކޮށް ދިން މި ހަމަލާގައި 3 މީހަކު މަރުވެ، އިތުރު މީހުން ވަނީ ޒަހަމްވެފައެވެ.

މި ހަމަލާ ކުށްވެރިިކޮށް ރޭ ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ، އާއްމުންނަށާއި ސިވިލް އިންފްރާސްޓްރަކްޗާ އަށް އަމާޒުކޮށް ދިން އެ ޓެރަރިސްޓް ހަމަލާއަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު، އަދި އާއްމުންނާއި ދަތުރުވެރިން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއް ކަމަށެވެ.

ޔޫއޭއީގެ ސަލާމަތަށް ނުރައްކާކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުން ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ޔޫއޭއީ ސަރުކާރާއެކު އޮންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ޔޫއޭއީ ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތަށް ދިވެހި ސަރުކާރުން ވަނީ ތައުރީފު ކޮށްފައެވެ.

ދިވެހި ސަރުކާރުން ވަނީ ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދީފައެވެ.