އިންތިހާބު ކައިރިވެފައިވާ މި ދުވަސްވަރު، ސަރުކާރުން ތަރައްގީގެ ވާހަކަ ދައްކަން ފަށައިފި ކަމަށާއި، ނަމަވެސް އެ ވާހަކަ ގަބޫލުކުރާނެ ރައްޔިތުން މިހާރު ކޮމަންޑޫ ދާއިރާގައި ނެތްކަމަށް، އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ފަރާތުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަބްދުލް ހަންނާން އިދުރީސްގެ ވައުދުތައް ލޯންޗުކުރުމަށް ރޭ އެ ޕާޓީގެ މާލެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރަށްރަށަށް ގޮސް އެ ދާއިރާގެ ރައްޔިތުންނާ އެމްއެންޕީން ބައްދަލުކުރުމުން، އެ ދާއިރާ އާ މެދު ކުރީ ސަރުކާރުތަކުން އިހުމާލުވެ، ރައްޔިތުން ނިކަމެތިވެފައިވާ ކަމަށް ދާއިރާގެ ރައްޔިތުން ބުނެފައިވާ ކަމަށެވެ.

ހަމަ އެއާއެކު، މި ދުވަސްވަރު ތަރައްގީގެ ވާހަކަތައް ވަރަށް ބާރަށް ދެކެވެން ފަށައިފި ކަމަށާއި، އެގޮތުން އިންތިހާބާ ދިމާކޮށް މިފަދަ ވާހަކަ ދައްކަނީ ރައްޔިތުންނަށް ހުވަފެންތައް ދެއްކުމަށް ކަމަށް ވިދާޅުވެ، ނާޒިމް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

"ސަރުކާރުން މިހާރު ދެން ރައްޔިތުން ގުނބޯ ހައްދަން ނޫޅުއްވާށޭ. ސަރުކާރުން ތި ދައްކާވާ ނަނާ ހުވަފެންތައް ދެން ގަބޫލުކުރާނެ ބަޔަކު މިދާއިރާއަކު ދެނެއް ނެތޭ. އެހެންވީމަ އެކަން ހަނދާން ނައްތާލާށޭ."
މުހައްމަދު ނާޒިމް, އެމްއެންޕީގެ ރައީސް

މީގެ އިތުރުން ނާޒިމް ވިދާޅުވީ، މިހާރު ފަށާ މަޝްރޫއުތައް ހުއްޓާލަން ސަރުކާރަށް ހުއްޓާލަން ނުކެރޭނެ ކަމަށާއި، އަންނަ އަހަރު އިންތިހާބު އޮތުމާއެކު އެކަންކަން ކުރިއަށް ގެންދިއުމަށް މަޖުބޫރުވާނެ ކަމަށެވެ.

"މާދަން ހެނދުނު އަނެއްކާ އާ ވައުދުތަކެއްވެސް އަންނާނެ. އެކަމާ ކަންބޮޑުވާނެ ކަމެއް ނެތް. ތިޔަ ބޭފުޅުންނަށް އޮތީ ކުރިއެރުން. އަޅުގަނޑުމެން މި ޕާޓީން ނުކުމެ ވާހަކަ ދެއްކި ވަރަކަށް ތިޔަބޭފުޅުންނަށް އޮތީ ކުރިއެރުން."
މުހައްމަދު ނާޒިމް, އެމްއެންޕީގެ ރައީސް

އަދި އެމްއެންޕީން ކޮމަންޑޫ ދާއިރާއަށް ވައުދުތައް އެކުލަވާލީ އެ ދާއިރާގެ ރައްޔިތުންނާ އެކު ވަގުތުތައް ހޭދަ ކުރުމަށް ފަހުގައި ކަމަށާއި، އެ ޕާޓީން ފެށި މި މަސައްކަތް ހުއްޓާލާނީ ހަންނާނު އެ ދާއިރާއަށް އިންތިހާބުކޮށްފައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.