ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން އަންނަ ޗައިނާގެ އަންހެނަކު، އޮމިކްރޯން ވޭރިއަންޓަށް އިންފެކްޓް ވެފައި ވަނީ، ބޭރު ގައުމަކަށް އޯޑަރު ދީގެން އޭނާ ގެނައި ޕާރުސަލެއްގެ ޒަރިއްޔާއިން ކަމުގައި ވެދާނެ ކަމަށް ބަލާ، ބޭރު ގައުމުތަކުން އޯޑަރަށް ތަކެތި ގެނައުން މަޑު ޖައްސާލުމަށް، ޗައިނާގެ ވެރިކަން ކުރާ ބެއިޖީންގްގެ އޮފިޝަލުން ގޮވާލައްވައިފިއެވެ.

މިއީ އިމްޕޯޓް ކުރާ މުދާ، ވަކިން ހާއްސަކޮށް، ގަނޑުކޮށްފައި ހުންނަ މުދަލުގެ ޒަރިއްޔާއިން، ބޯޑަރު ހުރަސްކޮށް، ކޮވިޑް ޖައްސާ ވައިރަސް ފެތުރޭ ކަމަށް ޗައިނާއިން ވަކާލާތު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް، އިމްޕޯޓް ކުރާ ގަނޑުކުރި މުދަލުގެ ޒަރިއްޔާއިން ކޮވިޑް ފެތުރޭ ކަމަށް ޗައިނާއިން ދައްކާ ވާހަކަތަކާ މެދު ސައެންސްވެރިން ސުވާލު އުފައްދައެވެ.

އިމްޕޯޓް ކުރާ ތަކެތީގެ ޒަރިއްޔާއިން ކޮވިޑް ފެތުރޭ ނަޒަރިއްޔާއަށް ބާރު ދެމުން ޗައިނާގެ އޮފިޝަލުން ވިދާޅުވީ، އޮމިކްރޯންއަށް ޕޮޒިޓިވްވެފައި ވާ އަންހެން މީހާއަކީ، ދަތުރު ކުރި ކަމުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށެވެ. އަދި އެ އަންހެން މީހާއަށް ލިބުނު އިމްޕޯޓް ޕެކޭޖަކުން ވައިރަހުގެ އަސަރު ފެނިފައި ވާ ކަމަށްވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

އޮފިޝަލުން ވިދާޅުވީ އަންހެން މީހާއަށް ލިބުނު ސިޓީއެއްގައި ވައިރަހުގެ އަސަރު ހުރި އިރު، ނުހުޅުވާ އޮތް އެ ސިޓީ އުރައިގެ ތެރޭގައިވެސް ވައިރަހުގެ އަސަރު ހުރި ކަމަށެވެ. އެ ސިޓީ އައީ ކެނެޑާއިން ކަމަށް ހަބަރު ލިބެއެވެ.

ޗައިނާއިން އޮމިކްރޯން ވޭރިއަންޓްގެ ލޯކަލް ޓްރާންސްމިޝަނެއް ރިޕޯޓް ކޮށްފައި މި ވަނީ، ވިންޓާ އޮލިމްޕިކްސް ފަށަން 3 ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ. ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން އިއްޔެ ވަނީ، ވިންޓަ އޮލިމްޕިކްސް މުބާރާތް ބެލުމަށް އާންމުންނަށް ޓިކެޓް ނުވިއްކާނެ ކަމަށް ބުނެފައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މުބާރާތް ބަލަން ވަދެވޭނީ ދެވިފައި ވާ މީހުންނަށް ކަމަށްވެސް ޗައިނާއިން ބުނެއެވެ.