ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް، ޕްލޭނިން މިނިސްޓްރީގެ ނައިބު ކަމަށް އައްޔަނު ކުރައްވައިފިއެވެ.

މީގެ ކުރިން ފުވައްމުލަކު ކައުންސިލްގެ ރައީސްކަންވެސް ކުރެއްވި ފަލާހް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފައި ވަނީ މިއަދެވެ.

މިދިޔަ ދައުރުގައި ފަލާހް ފުވައްމުލަކުގެ މޭޔަރުކަން ކުރެއްވި ނަމަވެސް، މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި އޭނާއަށް ވަނީ ނާކާމިޔާބުވެ ވަޑައިގެންފައެވެ. ފަލާހާ ވާދަކުރައްވާ އެ ޕާޓީން މޭޔަރުކަމުގެ ޓިކެޓު ހޯއްދެވީ ފުވައްމުލަކުގެ މި ދައުރުގެ މޭޔަރު އިސްމާއީލް ރަފީގެވެ.

ޕްލޭނިން މިނިސްޓްރީގެ ނައިބު ކަމަށް ފަލާހް އައްޔަނު ކުރައްވާފައި ވާއިރު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު ވަނީ މީގެ ތިން މަސްދުވަސް ކުރިން އައްޔަނު ކުރައްވާފައެވެ.