އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން، ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލުކޮށްފައި ވާއިރު އެ ސަރަހައްދުން ބޭނުން ކުރާނެ ހުސްބިންކޮޅެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީންއިން އެދުމުން އެކަން ހަމަޖައްސައިދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލުން މިގޮތަށް ނިންމީ، އަރަބިއްޔާގެ ކިޔެވުން ވަގުތީ އިމާރާތުގައި ފެށި ނަމަވެސް، ދަރިވަރުންނާއި ބެލެނިވެރިން ބޭނުން ކޮށްލާނެ ހުސް ޖާގައެއް އެ އިމާރާތް ހުރި ގޯތީގައި ނެތުމާއެކު އެކަން ހަމަޖައްސައިދޭން އެޑިއުކޭޝަނުން އެދުމުންނެވެ.
އެޑިއުކޭޝަނުން އެދުނީ އެމްޓީސީސީ ޝޯރޫމް ހުރި އިމާރާތާއި ކާނިވާ ސަރައްދުގައި އޮތް ކުޑަ ޕާކިންޒޯނާއި ދެމެދު ފެންސް ޖަހާފައިވާ ހުސް ބިންކޮޅު ވަގުތީގޮތުން އަރަބިއްޔާ ސްކޫލުގެ ބޭނުމަށް ދޫކޮށް ދިނުމަށެވެ.
އެޑިއުކޭޝަނުން ކައުންސިލަށް ފޮނުވި ސިޓީގައި އޮތީ، ވަގުތީ ގޮތުން އަރަބިއްޔާ ހިންގާ އިމާރާތަކީ ދުއްވާ އެއްޗެހި ވަރަށް ގިނަ ސަރަހައްދެއްގައި ހުރި އިމާރާތަކަށް ވެފައި ހާދިސާއެއް ހިނގައިފިނަމަ ދަރިވަރުން އެއްކޮށް އެއްވެލާނެ ހުސް ބިންކޮޅެއް އޮތް އިމާރާތެއްވެސް ނޫން ކަމަށެވެ. އަދި ކޮންމެ ދަންފަޅިއެއްގައި 400 އެއްހާ ދަރިވަރުން ސްކޫލަށް ދާނެ ކަމަށާއި، އެކުދިން ވަދެނިކުމެ އުޅުމަށް ފަސޭހަ ކުރުމުގެ އިތުރުން ބެލެނިވެރިން މަޑުކޮށްލުމަށާއި ދަރިވަރުންގެ ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ހުސް ބިންކޮޅެއް ބޭނުންވާ ކަމަށެވެ.
މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ އެޑިއުކޭޭޝަނުން ދޫކޮށްދޭން އެދުނު ބިމަކީ މާލެ ސިޓީ ކައުންސިލާއި އެހެން ފަރާތަކާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހަވާލު ކޮށްފައިވާ ބައެއް ހިމެނޭ ބިމެއް ކަމަށާއި އެހެންނަމަވެސް މިހާރުވެސް ސައިކަލް ޕާކް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު އަރަބިއްޔާ ސްކޫލްގެ ބޭނުމަށް، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ގޮތައް ބޭނުން ކުރުމަށް ދެވިދާނެ ކަމަށެވެ. އަދި އެ ޖާގައިގައި ބެލެނިވެރިން މަޑުކޮށް، ސައިކަލް ޕާކް ކުރުމަށް ބޭނުން ކުރެވިދާނެ ކަމަށާއި ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައިމި ޖާގަ ހުސްކޮށްދިނުމުގެ މަސައްކަތް ކޮށް ނިންމާލެވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
775 ދަރިވަރުން ކިޔަވަމުން ދާ އަރައްބިއްޔާގެ ކިޔެވުން ވަގުތީ އިމާރާތުގައި މިއަދު ވަނީ ފަށާފައެވެ.
އަރަބިއްޔާގެ ކިޔެވުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލު ކުރީ، އަރަބިއްޔާ ހިންގި އިމާރާތް ބާވެ ރެނދުލައި އަދި ކަތުރުފަނި އަޅާ ބޮލަށް ވެއްޓެން ކައިރިވެފައި ހުރުމާއެކު އެތަން ބަންދުކޮށް އެހެން ސްކޫލެއް ހަމަޖައްސައި ދިނުމަށް އަރަބިއްޔާގެ ބެލެނިވެރިންނާއި އެކިއެކި ފަރާތްތްތަކުން ސަރުކާރަށް ޕްރެޝާ ކުރުމުގެ ސަބަބުންނެވެ.