ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން، 11 މަގަކާއި ޖުމްލަ 5.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މީގެ އިތުރުން 25,909 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ލެވަލްކޮށް ތާރުއަޅައި ތަރައްގީ ކުރުމާއި 11،114 އަކަމީޓަރު ސަރަހައްދެއްގައި ދުވާރު ހެދުމާއި ފެންހިންދާ ނިޒާމެއް ގާއިމު ކުރުމުގެ އިތުރުން މަގުބައްތި އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ 71.90 މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއު އިފްތިތާހް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.