ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ހުންނެވި މުއްދަތުގައި އެމަނިކުފާނަށް ލިބިވަޑައިގަންވަންޖެހޭ އިނާޔަތްތަކުގެ ގޮތުން 2.4 މިލިއަން ރުފިޔާ އެ މަނިކުފާނަށް ޖަމާކޮށްދީފިއެވެ.

ފިނޭންސް މިނިސްޓްރީން ރައީސް ޔާމީނަށް މި އިނާޔަތް ހަމަޖައްސައިދިނީ ބަންދުކުރި ދުވަހުން ފެށިގެން މިނިވަންވުމާ ހަމައަށް ލިބިވަޑައިގަންނަވަން ޖެހޭ އިނާޔަތްތައް ދޫކޮށްދެއްވަން ވަކީލުން އެދިވަޑައިގަތުމާ ގުޅިގެންނެވެ. މަނީ ލޯންޑްރިންގެ ކުށުގައި އެމަނިކުފާނަށް ނޮވެމްބަރު، 28، 2019 ގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ރައީސް ޔާމީން ޖަލަށްލާން ހުކުމްކުރި މުއްދަތުން ފެށިގެން އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމާ ހަމައަށް ކަނޑައިލާފައިވާ އިނާޔަތްތައް މިއަދު އެމަނިކުފާނަށް ޖަމާކޮށްދީފައިވާއިރު މިދިޔަ ޑިސެންބަރު މަހު ލިބެންޖެހޭ އިނާޔަތްތައް ވެސް ވަނީ ޖަމާކޮށްދީފައެވެ.

ރައީސް ޔާމީން ބަންދުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ ހުރިހާ އިނާޔަތްތަކެއް އެމަނިކުފާނަށް ފިނޭންސުން ޖަމާ ކޮށްދީފައި މިވަނީ އެ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ފޮނުވި ސިޓީ ދިރާސާ ކުރުމަށްފަހުގައެވެ. އަދި ރައީސް ޔާމީން މިނިވަންވެޑައިގަތުމާ ގުޅިގެން ސަރުކާރުން ވަނީ އެމަނިކުފާނަށް ލިބެންޖެހޭ ސެކިއުރިޓީ ވެސް ދޭން ފަށައިފައެވެ.

ރައީސުލް ޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނުގައި ވާގޮތުގައި ރައީސްކަން ކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ޖެހެއެވެ. ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 50،000 ރުފިޔާ އަދި އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު ދައުލަތުގެ ބަޖެޓުން 175،000 ރުފިޔާ ދޭން ޖެހެއެވެ. މީގެ އިތުރުން ވެސް ދަތުރުފަތުރުގެ ހަރަދާއި ބޭސްފަރުވާގެ ހަރަދުތައް ވެސް ހިނގާނީ ދައުލަތުގެ ބަޖެޓުންނެވެ.